16 Nov 2011, 13:28
ދަންޖެހުން ފަހަކަށް އައިސް ވަނީ ރާއްޖޭގައި އާންމު ކަމަކަށްވެފަ އެވެ. އެއީ ދައްކަން ނުވާވަރުގެ ވާހަކައެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އިއްޔެ އަކީ ވެސް ދަންޖެހި، މަރުވުމުގެ ސިލްސިލާއަށް އައު ބޮޅެއް އިތުރުވި ދުވަހެކެވެ. މަސްތުވާތަކެތީ ބޭނުން ކޮށްގެން 10 އަހަރަށް ޖަލަށްލާފައި ހުރި ގައިދީއަކު ގޮޅީގައި ދަންޖެހިގެން މަރުވި މައްސަލަ އެވެ. އަހުމަދު މުއްނިމް، ހ. ކޯޒީ ރައުންޑް، 35 އަހަރު ދަން ޖެހުނު ޔުނިޓު ތިނެއްގެ ފަސް ނަމްބަރު ގޮޅި ޑީޕީއާރު އެސް އިން އިއްޔެ ވަނީ ނޫސްވެރިންނަށް ދައްކާފަ އެވެ. ގޮޅީގެ ހާލަތު ހުރި ގޮތުން ދަންޖެހުނު ސަބަބަކާއި ދަންޖެހުނު ގޮތާ މެދު ކުޑަކޮށް ސުވާލު އުފެދެ އެވެ.
މުއްނިމް އޮތް ގޮޅިއަކީ އޭނާގެ އިތުރުން އެހެން މީހަކު ވެސް އޮންނަ ގޮޅި އެކެވެ. ގާތްގަނޑަކަށް ހަ ފޫޓު ހަތް ފޫޓު ހަމަވާ އެ ގޮޅީގެ ދެ އަރިމަތީގައި އަށި ފާޑަކަށް ހަދާފައިވާ ދެ އެނދު ހުރި އިރު ފާހާނާ ކުރަން ހަދާފައި ހުރި "ކުޑަ ގޮޅި" ހުރީ ނިވާނުވާ ގޮތަށް ހާމަ އަށެވެ. ގޮޅިއާ ފާހާނާ ކުރާތަނުގެ އިން ވަކިކުރަން ހުރީ އެވްރެޖް މީހެއްގެ މޭކަށިގަނޑަށް އަރާވަރުގެ ފާރު ބުރި އެކެވެ. އެތަނުގައި ކުނާ ގަޑެއް ދަމާ ނިވާކޮށްފައި ހުރީ ގައިދީން އަމިއްލަ އަށެވެ.
އިއްޔެ 11 ގަޑި ބައިވާން ގާތްވެފައި ހުއްޓާ އޭނާ ދަންޖެހިފައިހުއްޓާ ފެނުނު އިރު މުއްނިމް އާއި ޖަލުގެ އޮފިސަރުން އެންމެ ފަހުން ވާހަކަ ދެއްކީ ހެނދުނު 9:00 ޖަހާކަށް ހާއިރު އެވެ.
"ހަތެއް ޖެހި އިރު އަޅުގަނޑުމެންގެ އޮފިޝަލުން ހެނދުނު ނާސްތާ ވެސް އޭނާޔަށް ދިން. އަދި ނުވައެއް ޖަހާ އެހާއިރު ޖޫސްދީ ވެސް ހެދި. އޭރު ވެސް އޭނާ އަޅުގަނޑުމެންގެ އޮފިސަރުންނާ ވާހަކަ ދައްކާ ހެދި. އެއަށް ފަހު އޮފިސަރުން އާދައިގެ މަތިން ގޮޅިތައް ބަލައި ފާސްކުރަމުން ދަނިކޮށް 11:34 އެހާއިރު ގޮޅި ބެލި އިރު އޭނާ ދަންޖެހިފައި ހުރީ،" ޑީޕީއާރްއެސްގެ އެސިސްޓެންޓް ސުޕްރިންޓެންޑެންޓް މުހައްމަދު އާސިފު ޖަލުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިއްޔެ ވިދާޅުވި އެވެ.
ނޫސްވެރިންނަށް ގޮޅި ދައްކާލި އިރު ނާސްތާއަށް ގެންދިޔަ ދެތިން ތެޔޮ ރޮއްޓާއި މުގުރިހަ އާއި އަދި ބިހެއް ވެސް ޕްލާސްޓިކްތައްޓެއްގައި އޮތް ގޮތަށް އޮތެވެ. ނިދަން ގޮދަޑިއެއް ދީފައި ނެތް އިރު އޭނާ ދަންޖެހުނީ ނިދަން ދީފައި އޮންނަ ބެޑް ޝީޓް ބޭނުންކޮށްގެންނެވެ. ގޮޅީގައި ފަންކާއެއް ނެތް އިރު ގޮޅީގެ ދެ ދިމާލަކުން ކަޑާފައިވާ ތޭރިތަކަކުން ބޭރުގައި ހުރި ފަންކާއަކުން ގޮޅިއަށް ފިނިވެ އެވެ.
އޭނާ ދަންޖެހިފައި ހުރިކަމަށް ފެންނަނީ އެ ތޭރިތަކުގެ މަތީގައި ބެޑް ޝީޓް އަށްސައިގެންނެވެ. އެ ބެޑްޝީޓް އިރައިގެން ގޮސް އޭގެ އެއްބައި ބިންމަތީގައި ވެސް އޮތެވެ. ނަމަވެސް ޑީޕީއާރުއެސް އިން ވެސް އަދި ފުލުހުން ވެސް އޭނާ ދަންޖެހުނީ އެގޮތަށް ކަމަށް ނުބުނެ އެވެ. ދަން ޖެހުނު ދިމާލު ފާރުގައި ލިޔެފައިވެ އެވެ؛ "މާތް ރަސްކަނލާގެ އަހަރުމެންގެ ފާފަތައް ނުފުއްސަވާ ނަމަ ފާފަ ފުއްސަވާނެ ފަރާތެއް ނުވެ އެވެ،" އަދި ވެސް ރަސޫލާގެ ހަދީސެއް ލިޔެފައި ހުއްޓެވެ.
މި އަހަރުގެ އެޕްރީލް ދެ ވަނަ ދުވަހު ޖަލަށް ލި މުއްނިމް ދަން ޖެހުނު އިރު އެ ގޮޅީގައި އޭނާ ހުރީ އެކަންޏެވެ.
"އެ ގޮޅީގައި ހުރި އަނެއް މީހާ އަޅުގަނޑުމެން ހެނދުނު ބޭސްވަރުޔާއަށް ނެރުނިން. އެހެންވެ 6:30 ފެށިގެން އޭނާ ގޮޅީގައި ހުންނާނީ އެކަނި،" އާސިފު ވިދާޅުވި އެވެ.
މުއްނިމް ދަންޖެހުނު ގޮޅިއާ ޖެހިގެން ހުރި ގޮޅިތަކުގައި ވެސް މީހުން ތިބި ނަމަވެސް އޭނާގެ ފަރާތުން އެއްވެސް އަޑެއް ނީވޭ ކަމަށް އެ ގައިދީން ބުންޏެވެ.
"އަހަރުމެންނަށް އެއްވެސް އަޑެއް ނީވެ. ނެރެގެން ގެންދާތަން ފެނުނީ. ދެން އެނގުނީ ވެސް ކަމެއް ވީކަން،" ޖެހިގެން ހުރި ގޮޅީގައި ހުރި ގައިދީއަކާ ސުވާލުކުރުމުން އޭނާ ބުންޏެވެ. އެ މީހުން އެހެން ވާހަކައެއް ވެސް ބުންޏެވެ.
"މި ތަން ބޮއްސުންލާފައި. މިހުރީ ލަކުނުތައް، އެލާޖިކްވެފައި. ބޭސްފަރުވާއެއް ނުލިބޭ. ބުނާއިރަށް ބުނާނެ ކޮންމެވެސް އެއްޗެކޭ. މިހިރީ މިތަން ހުރި ގޮތް. ދަންޖެހުނީމާ ދަން ޖެހޭ ވާހަކަ ދައްކަނީ،"
ފުލުހުންގެ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މުއްނިމްގެ ހަށިގަނޑުން ފުލުހުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު އާއިލާއާ ގުޅިގެން ޖަނާޒާގެ ކަންތައްތައް ކުރުމަށް ޑީޕީއާރުއެސްއާ ހަށިގަނޑު ހަވާލުކޮށްފައިވާ ކަމަށެވެ.
އާސިފު އިއްޔެ ވިދާޅުވެފައި ވަނީ އެ މައްސަލަ ވަރަށް "ޓްރާންސްޕޭރަންޓް"ކޮށް ތަހުގީގު ކުރުމަށް ފުލުހުންނާއި އަދި ހިއުމަންރައިޓްސް އަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން ދެން ޖަލުގެ އޮފިސަރުންގެ އެއްވެސް އިހުމާލެއް ނެތް ކަން. އެ ބޭފުޅުން އަނެއްކާ ވަރަށް ރަނގަޅަށް ބެއްލެވި ގަޑިއެއް އެއީ. އަޅުގަނޑަށް 99 ޕަސެންޓް ޔަގީންކަން އެބަ އޮތް ޖަލުގެ އޮފިސަރުންގެ އިހުމާލެއް ނެތް ކަން. އަޅުގަނޑުމެން ވަރަށް ރަނގަޅަށް މިކަން ތަހުގީގު ކުރާނަން،" އާސިފް ވިދާޅުވި އެވެ.