10 Oct 2019, 20:09
މާލޭގައި، މީހެއްގެ އަތުން ފޯނެއް ފޭރުނު މީހަކު ހޯދައި، އޭނާ ކުއްޔަށް ހިފާފައި ހުރި ކޮޓަރިން މަސްތުވާތަކެއްޗާ އެކު އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ރޭ ފަތިހު 4:50 އެހާކަންހާއިރު މާލޭގައި މީހެއްގެ ފޯނެއް ފޭރުނު މައްސަލައެއް ހުށަހެޅުމުން، ސީސީޓީވީ ފޫޓޭޖުގެ އެހީގައި، އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހޯދާފައިވާ ކަމަށެވެ. އަދި އޭނާ ދިޔަ މަގުތައް ބަލައިގެން، އޭނާ ކުއްޔަށް އުޅޭ ގެސްޓްހައުސް ހޯދި ކަަމަށް ފުލުހުން ބުންޏެވެ.
ތުހުމަތު ކުރެވޭ މީހާ ކުއްޔަށް ހިފައިގެން އުޅޭ ގެސްޓްހައުސް ކޮޓަރިއަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެންނެވެ. ފުލުހުން ވަން ގަޑީގައި ކޮޓަރީގެ ކުޑަދޮރުން އެއްޗެހިތަކެއް އުކާލި ކަމަށް ޝައްކު ކުރެވިގެން ގޭގެ ފުރާޅާއި، ވަށައިގެންވާ މާހައުލު ފުލުހުން ބަލާ ފާސްކުރިއެވެ. އެތަންތަން ބެލި ބެލުމުގެ ތެރޭގައި ފުލުހުންނަށް ވަނީ މަސްތުވާތަކެތި އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅަކާއި، ރަބަރު ޕެކެޓަކާއި 240 ސެލޯފިން ޕެކެޓު ފެނިފައެވެ.
ފުލުހުން ވަނީ އެ މައްސަލައިގައި ފޯނު ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މީހާއާއި، ކޮޓަރީގައި ތިބި އިތުރު ދެ މީހުން ހައްޔަރުކޮށްފައެވެ.
މިހާރު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.