Last Updated: 6 year 2 month ago
ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް އޭ ގައި މިރޭ ދުބާއީގެ ރާޝިދު ސްޓޭޑިއަމްގައި ސީރިއާ އާއި ރާއްޖެ ކުޅޭ މެޗު ފެށީ މިރޭ ރާއްޖެ ގަޑިން އިރުއޮއްސި 7:00 ގަ އެވެ.
އެ މެޗަށް ރާއްޖެ އަދި ސީރިއާ ނުކުންނަ އިރު ދެ ޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެހެން ކަމުން މިރޭގެ މެޗަކީ ތާވަލުގެ ދެވަނައިގެ ޖާގައެއް ކަށަވަރު ކުރުމަށް ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ.
ރާއްޖޭން ވަނީ 2012 ވަނަ އަހަރު އިންޑިއާގައި އޮތް ނެހްރޫ ކަޕްގައި ސީރިއާ އަތުން 2-1 އިން މޮޅުވެފަ އެވެ. ދަގަނޑޭގެ ގޯލުން ރާއްޖެ ލީޑުނަގާފައިވަނިކޮށް ސީރިއާ އަށް އެއްވަރުކޮށްދިނީ މެޗުގެ 81 ވަނަ މިނިޓްގައި އަލާ ޝިބްލީ އެވެ. ރާއްޖެ މޮޅުވީ އިތުރު ވަގުތުގައި އަހުމަދު ރަޝީދު (އައްމަޑޭ) ވައްދާލި ގޯލުންނެވެ.
މިރޭގެ މެޗުގައި އަނިޔާގެ ސަބަބުންނާއި ސަސްޕެންޝަނުގެ ސަބަބުން ކުރީ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ބައެއް ކުޅުންތެރިން މިރޭގެ މެޗުގައި ނުކުޅެވޭނެ އެވެ. އެގޮތުން ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީ އަދި ފޯވާޑް އިބްރާހިމް މަހުދީ މިރޭގެ މެޗުގައި ނުކުޅޭނެ އެވެ.
މިރޭގެ ފުރަތަމަ އެގާރަ މިހާރު އިއުލާން ކޮށްފައިވާ އިރު، އަލީ އަޝްފާގު (ދަގަނޑޭ) ފުރަތަމަ އެގާރައިގައި ހިމަނާފައެއް ނުވެ އެވެ.
ރާއްޖެ ޓީމުގެ ފުރަތަމަ އެގާރަ:
1. ސަމޫހް އަލީ (2)
2. ނޫމާން (3)
3. ހުސައިން ޝިފާއު ޔޫސުފް (4)
4. މުހައްމަދު އިރުފާން (5)
5. އައިސަމް އިބްރާހިމް (8)
6. ހަމްޒާ މުހައްމަދު (10)
7. ހަސަން ނާއިޒް (16)
8. މުހައްމަދު ނާއިމް (11)
9. ހައިޝަމް ހަސަން (20)
10. މުހައްމަދު ފައިސަލް (ކެޕްޓަން) (22)
11. ހުސައިން ނިހާން (23)
