ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ލޯނު ސްކީމްގެ ދަށުން ލަންކާގައި ޕައިލެޓްކަން ކިޔަވާކުދިންނަށް އެހެން ގައުމެއްގައި ކިޔެވޭނެ ފުރުސަތު ދީފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން "ސަން" އަށް މިއަދު ވިދާޅުވީ ލޯނު ސްކީމްގެ ދަށުން ކިޔަވާ ދަރިވަރުންނަށް އެހެން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލީ ވަރަށް ގިނަ ދަރިވަރުން އެގޮތަށް އެދެމުންދާތީ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނު ސްކީމްގެ ދަށުން ލަންކާގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުން އެހެން ގައުމަކަށް ބަދަލުވާން ބޭނުންނަމަ އެ ދަރިވަރަކު ކިޔެވުން ފުރިހަމަ ކުރުމަށް އެދޭ ގައުމެއްގެ މަރުކަޒުގެ ޕްލޭސްމަންޓް ލެޓާ، ފީ ސްޓްރަކްޗަރު އަދި އައިޑީކާޑުގެ ކޮޕީއެއް އެ މިނިސްޓްރީއަށް ހުށައެޅުމުން އެކަންހަމަޖެހޭނެ ކަމަށެވެ.

އެހެން ގައުމަށްބަދަލުވާން އެދޭއިރު ކިޔަވަން ހުށަހަޅާ އިންސްޓްޓިއުޝަނަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިތުރު ޓެސްޓަކާނުލާ މަތިންދާ ބޯޓް ދުއްވުމުގެ ހުއްދައެއް ލިބޭ މަރުކަޒެއްކަން ޔަގީންކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މިދިޔަ އޭޕްރީލްމަހު ލަންކާގައި ގޮއްވި ބޮމުގެ ހާދިސާއާ ގުޅިގެން އެގައުމުގައި ޕައިލެޓްކަން ކިޔެވަމުންދާ ދަރިވަރުންނަށް ފްލައިން ޓެސްޓުތައް ހެދުމުގެ ހުއްދަ ވަނީ ހިފަހައްޓައިފައެވެ. އެކަމާ ގުޅިގެން އެތައް ކުދިންނެއްގެ ކިޔެވުމުގެ މުއްދަތު ވަނީ ދިގުލައިގެން ގޮސްފައެވެ.

އެ މައްސަލައިގައި ދަރިވަރުން މީގެ ކުރިން ވަނީ ސަރުކާރުގެ އިސްބޭފުޅުންނާވެސް ބައްދަލުކުރައްވައިފައެެވެ.