ސާކް ސަމިޓާ ދިމާކޮށް އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި މޮނިއުމެންޓްތަކުގެ ތެރެއިން، ސިންގާއެއްގެ ސޫރައިގާ ހިލައިން ހަދާފައިވާ ސްޓެޗޫއެއް ހިމެނޭ ލަންކާގެ މޮނިއުމެންޓް ވެސް ރޭ ބަޔަކު އަންދާލައިފި އެވެ. ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރަދޫން ހަންކެޑެއަށް އަރާ ހިސާބުގައި ބަހައްޓާފައި ހުރި މޮނިއުންޓް އަންދާލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

ފުލުހުންގެ ސަދަން ރީޖަން ކޮމާންޑަރު ސްޕްރިންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު މިއަދު ވިދާޅުވީ ލަންކާގެ މޮނިއުމަންޓް އަންދާލަން ބަޔަކު މަސައްކަތް ކޮށްފައި ހުރި ކަމުގެ ނިޝާންތައް ފެންނަން އެބަހުރި ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ ގޮތުން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ޔޫނުސް ވިދާޅުވި އެވެ.

"ލަންކާ މޮނިއުމަންޓް އަންދާލަން މަސައްކަތް ކޮށްފައި ހުރި ކަމަށް ބެލެވޭ ކަހަލަ ނިޝާންތައް އެބަހުރި،" ޔޫނުސް ވިދާޅުވި އެވެ.

ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބެހެއްޓި މޮނިއުމްޓްތަކުގެ މައްސަލަ ވަނީ ހޫނެވެފަ އެވެ. އެ މޮނިއުމަންޓްތަކުގެ ތެރެއިން ބުދު ހުރެގެން އެންމެ ފުރަތަމަ މައްސަލަ ޖެހުނު ޕާކިސްތާނުގެ މޮނިއުމެންޓް ވަނީ ދެ ފަހަރެއްގެ މަތިން ވައްޓާލައިފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ މޮނިއުމަންޓް އަނބުރާ ނަގައި އެ ސަރަހައްދުގައި ފޯރި މަރާފަ އެވެ. އަދި މީގެ ދެ ރެއެއް ކުރިން ޕާކިސްތާނުގެ މޮނިއުމަންޓް އަންދާލުމަށް ފަހު އިއްޔެ ރޭ އެ މޮނިއުމަންޓުގެ މަތީބައި ވަނީ ވަގަށް ނަގާފަ އެވެ. ފުލުހުން މިއަދު ބުނީ އަދިވެސް ޕާކިސްތާނުގެ ބުދުގެ ވަގަށް ނެގި ބައި ނުފެންނަ ކަމަށާއި އެ އެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސަމިޓާ ގުޅުވައިގެން އައްޑޫގެ ތަފާތު ސަރަހައްދުތަކުގައި ބެހެއްޓި މޮނިއުމެންޓްތަކުގެ މައްސަލަ އިދިކޮޅު ޕާޓީތަކުން ވަނީ ބޮޑު މައްސަލައެއްގެ ގޮތުގައި ނަގައިފަ އެވެ.

ބުދު ހިމެނޭ ބިނާ ވައްޓާލި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ ބުދު ބެހެއްޓުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށާއި ޣައިރު ގާނޫނީ އަމަލަކަށް ކިޔަމަންވާން ނުޖެހޭނެ ކަމަށާއި އެ މީހުން ވަގުތުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ.