މަގުތައް ހެދުމާ ގުޅޭ ކަންކަން ކުރާ ސަރުކާރުގެ ކުންފުނި، ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު، މޫސާ އަލި މަނިކު (މޫކޭ) އައްޔަންކޮށްފި އެވެ.

ގާނޫނީ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ މޫކޭ މިއަދު "ސަން" އަށް ވިދާޅުވީ ޕްރައިވަޓައިޒޭޝަން ބޯޑުން އޭނާ އެ މަގާމަށް އައްޔަނުކުރިކަން މިއަދު އަންގާފައިވާ ކަމަށެވެ.

މޫކޭ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާއިރު، އޭނާ ވަނީ ރ. މަޑުއްވަރީ ދާއިރާގެ މަޖިލީސް ގޮނޑިއަށް ވެސް އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެފަ އެވެ.

މޫސަ މީގެ ކުރިން ވަނީ އާކީސް އިންވެސްޓްމަންޓްގެ މެނޭޖަރު ކަމާއި ރ. އުނގޫފާރުގެ ކުޑަ ކަތީބުކަމުގެ މަގާމާއި ޓީޗަރެއްގެ ވަޒީފާ ވެސް އަދާކުރައްވައިފަ އެވެ.

އާރުޑީސީއަކީ، މަގު ހެދުމަށް އުފެއްދާފައިވާ ކުންފުނި އެމްއާރުޑީސީ އުވާލަން ކުރީ ސަރުކާރުން ނިންމާފައި ވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި މުޅިން އާ ކުންފުންޏެކެވެ.

އެ ކުންފުނީގެ ބޯޑަށް އިތުރު މެމްބަރުން އައްޔަނުކުރެއްވިކަން އަދި ކަށަވަރެއް ނުވެ އެވެ.