16 Nov 2011, 12:44
ކޮންމެ އަހަރަކު ވެސް ސްކޫލް ބަންދާ ދިމާކޮށް އައިޖީއެމްއެޗުން ދެމުން އަންނަ ހިތާނު ކުރުމާ ބެހޭ ޕެކޭޖްގެ ހިދުމަތް އެނދުގެ ދަތިކަމާ ހުރެ މި އަހަރު ނުދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު އިއްޔެ ވިދާޅުވީ މީގެކުރީގެ އަހަރުތަކުން ފެށިގެން އައިޖީއެމްއެޗުން ދެމުން އަންނަ ހިތާނު ޕެކޭޖްގެ ހިދުމަތް މި އަހަރު އައިޖީއެމްއެޗުން ނުދިން ނަމަވެސް ހިތާނު ޕެކޭޖްގެ ހިދުމަތް މި އަހަރު ވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އައިޖީއެމްއެޗުން ހިތާނު ޕެކޭޖްތައް މި އަހަރު ނުދޭ ގޮތަށް ހަމަޖެއްސީ އެނދުގެ ދަތިކަން ވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވާތީ،" ޒީނަތު ވިދާޅުވި އެވެ.
ޒީނަތު ވިދާޅުވީ މި އަހަރު އެގޮތަށް ހަމަޖެހުނު ނަމަވެސް އަންނަ އަހަރު އެ މައްސަލަ ހައްލުކޮށް، އަލުން އެ ހިދުމަތް ދޭން ފަށާނެ ކަމަށާއި މިހާރު ވެސް އާއްމު އުސޫލުން އޮޕަރޭޝަން ޑޮކްޓަރަށް ދެއްކުމަށް ފަހު ހިތާނު ކުރުމުގެ ކަންތައްތައް ހަމަޖައްސައިދޭނެ ކަމަށެވެ.
ސްކޫލް ބަންދާ ދިމާކޮށް އައިޖީއެމްއެޗުން ދޭން ފެށި ހިތާނު ޕެކޭޖްގެ ހިދުމަތް މިދިޔަ އަހަރު ދީފައި ވަނީ 1،000ރ. އަށެވެ. އަދި އެ ޕެކޭޖްގެ ދަށުން މަދުވެގެން ދުވާލެއްގެ މައްޗަށް 20 ކުދިން ހިތާނުކުރި އެވެ.