10 Oct 2019, 13:16
ދަރިފުޅަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ދެކުނުގެ އަތޮޅަކުން ދަރިފުޅާ ބެހުނު ކަމުގެ ތުހުމަތުގައި ބައްޕަ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅިވީ، އިތުބާރު ހުރި މަގާމެއްގައި ހުރެ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 35 އަހަރުގެ މީހާގެ ބަންދަށް އިއްޔެ ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ، ެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 18 އަހަރުން ދަށުގެ އަންހެން ކުއްޖާގެ ބައްޕަ ކަމަށެވެ.
"މިކަން ފަޅާ އެރީ، އެ ކުއްޖާ ސްކޫލަށް ގޮސް އެވާހަކަ ދެއްކުމުން. ޖެންޑާގެ ސަމާލުކަމަށް މި މައްސަލަ ގެނައީ،" އެރަށުން ކުރިން 'ސަން އަށް ވާހަކަ ދެއްކި، މިހާ ކިޔައިދިނެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިދިޔަ ބުދަ ދުވަހު "ސަން" އަށް ވިދާޅުވީ، އެ ބާވަތުގެ މައްސަލައެއް ފުލުހުންނާ ގުޅިގެން މިހާރު ބަލަމުންދާ ކަމަށެވެ.
އެ މައްސަލައަކީ ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީވެ، އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.