ހެންވޭރުގެ އަކަށް ބަޔަކު ވަދެ މީހަކު ޒަޚަމްކޮށްލުމަށް ފަހު ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އާއި ބައެއް ސާމާނު ވަގަށް ނަގައިފި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހެންވޭރު ކޮޅުގައި ހުރި ގެއަކަށް ރޭ އިރާކޮޅު ބަޔަކު ވަދެ މެދު އުމުރުގެ މީހަކު ނިދާފައި އޮތްވައި ހަމަލާދީ އެ މީހާގެ ބޯ ޒަޚަމްކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ބޮޑު ސީރިއަސް އަނިޔާތަކެއް އެ މީހާ އަށް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެގެއިން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އާއި ލެޕްޓޮޕެއްގެ އިތުރުން މޯބައިލް ފޯނެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގެއެއް ކަމެއް އަދި މީހަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.