10 Oct 2019, 11:44
މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން އާންމުކުރި "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ މެމްބަރުންނަށް މަރުގެ އިންޒާރު ދެމުން ގެންދާ މައްސަލަ ބަލައިދިނުމަށް ގޮވާލައިފި އެވެ.
އެމްޑީއެންއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖަމިއްޔާގެ މެމްބަރުންނާއި މުވައްޒަފުންނަށް ތަކުރާރުކޮށް މަރުގެ އިންޒާރު ލިބެމުންދާ މައްސަލަ ކުށްވެރި ކުރާ ކަމަށެވެ.
އެމްޑީއެންއިން ބުނީ އެ އިންޒާރުތަކަކީ އެ ޖަމިއްޔާއިން އާންމުކުރި ރިޕޯޓުގައި ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރާއި ރާއްޖޭގައި ހިންގަމުންދާ ޓެރަރިޒަމްގެ ހަރަކާތްތަކުގެ ތަފްސީލު ފާހަގަކޮށްފައި ހުރުމުން، އެ ކަންކަމާ މެދު ތަހުގީގެއް ހިންގަން ހުރަސް އެޅުމުގެ ގޮތުން ދޭ އިންޒާރުތަކެއް ކަމަށެވެ.
އެ ރިޕޯޓްގެ ބައެއް ބައިތަކުގައި ބޭނުންކުރަން ނުވާ ފަދަ ބަސްތައް ބޭނުންކޮށްފައިވާ ކަން ގާބޫލުކޮށް، އެކަމާ ގުޅޭގޮތުން އާންމުންގެ ފަރާތުން މައާފަށް އެދިފައިވާނެ ކަމަށް އެ ނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި އެ ރިޕޯޓާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށާއި އިސްލާމްދީނަށް ބަދުބަސް ބުނުމާއި ފުރައްސާރަ ކުރުމަކީ އެމްޑީއެންއިން ބަލައިގަންނަ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް އެ ރިޕޯޓުގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީންގެ އަސްލުތަކާއި ފުށޫއަރާ ފަދަ ނުކުތާތަކެއް ފާހަގަކޮށްފައި ހުރުމުން ގިނަ އަދަދެއްގެ އާންމުން ދަނީ އެ ރިޕޯޓާ މެދު ނުރުހުން ފާޅުކޮށް، އެމްޑީއެން އުވާލުމަށާއި އެ ޖަމިއްޔާގެ މެމްބަރުންނަށް އަދަބު ދިނުމަށް ގޮވާލަމުންނެވެ.
އެ ރިޕޯޓުގައި ކީރިތި ގުރުއާނުގައި ކުރުމަށް އަންގަވާފައިވާ ބައެއް ކަންތައްތަކަކީ ޑިމޮކްރެސީގެ އަސާސްތަކާ ހިލާފު ކަންތައްތައް ކަމަށް ބުނެ އިސްލާމްދީނުގެ އަސްލުތަކަށް ކުޑައިމީސްކޮށް، ކީރިތި ރަސޫލާގެ ސުންނަތަށް ވެސް ފާޑުކިޔާފައިވެ އެވެ.
އެމްޑީއެންގެ މެމްބަރުންނަށް މަރުގެ އިންޒާރު ލިބެމުންދާ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ގޮވާލާފައިވާއިރު، އެ ޖަމިއްޔާ އުވާލުމަށް އެދި އާންމުން ގޮވަމުންދާކަން ބޭރުގެ ޖަމިއްޔާތަކުގެ ސަމާލު ކަމަށް ވެސް ވަނީ ގެނެސްފަ އެވެ.