14:30


ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ދިރާގާއި ފެން ކުންފުނި ފަދަ ކުންފުނިތަކުގައި ހިމެނޭ ސަރުކާރުގެ ހިއްސާ ރައްޔިތުންނަށް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ޕްރިވެޓައިޒޭޝަން ކޮމިޓީން ބުނެފި އެވެ.


މިކަން އިއުލާން ކުރެއްވީ އެ ކޮމިޓީން ކުރިއަށްގެންދާ ކަންތައްތަކާ ބެހޭގޮތުން މީޑިޔާއަށް މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުވުމުގައި، އެ ކޮމިޓީގެ މެންބަރު، އަދި ސިވިލް އޭވިއޭޝަން މިނިސްޓަރ މަހްމޫދު ރާޒީ އެވެ.


އިތުރު ތަފްސީލް ދެއްވަމުން އެ ކޮމިޓީގެ މެންބަރު އަދި އިކޮނޮމިކް މިނިސްޓަރގެ ނާއިބު އަހްމަދު އިނާޒް މިއަދު ވިދާޅުވީ ހިއްސާ ވިއްކާނީ، ރައްޔިތުންނަށް ފަސޭހަކަމާއެކު، ގަނެވޭ ގޮތަށް، ކަމާ ބެހޭ މުއައްސަސާ މެދުވެރިކޮށް ކަމަށެވެ.


ކޮމިޓީގެ މަސައްކަތްތަކާ ބެހޭ އިތުރު ތަފްސީލް ދެއްވަމުން މިނިސްޓަރު މަހްމޫދު ރާޒީ ވިދާޅުވީ، ކޮމިޓީން ކުރިއަށްގެންދާ ޕްރޮޖެކްޓަތަކަކީ އެންމެ ފައިދާ ހުރި ގޮތް ބަލައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކެއް ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން އަމިއްލަ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވާ އެއާޕޯޓްތަކާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިތުރުން އެހެނިހެން ބައެއް ކުންފުނިތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ބެހޭ މައުލޫމާތު ވެސް މަހްމޫދު ރާޒީ ދެއްވި އެވެ.