09 Oct 2019, 18:27
ރ. އިނގުރައިދޫ ކައިރީ ފަޅު ރަށެއްގެ އުރަފަށަށް ފީނަމުން ދިޔަ ޒުވާނެއްގެ ފައިގައި، އެ ސަރަހައްދުން ދުއްވާފައި ދިޔަ ޑިންގީއެއްގެ ބުރަފަތިން ޖެހި އޭނާގެ ފައި ބުރި ވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ، ރ އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ "ނެލު" ގެ އިރުމަތީ ފަރާތު އުރަފަށުގަ އެވެ.
އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ހަސަން "ސަން"އަށް މިއަދު ވިދާޅުވީ، އެ ސަރަހައްދަށް ފީނަމުން ދިޔަ 27 އަހަރުގެ އެ ޒުވާނާގެ ފައި ޖެހިފައި ވަނީ އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ޑިންގީއެއްގެ އިންޖީނު ބުރަފަތީގައި ކަމަށެވެ.
ބުރަފަތީގެ ފައި ޖެހުމުގެ ސަބަބުން، ޒުވާނާގެ ފައިގެ ކުޑަހުޅުން ފެށިގެން ތިން އިންޗި މަތިން އެއްކޮށް ބުރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެރަށު ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ބުރިވެފައިވަނީ ޒުވާނާގެ ވައަތު ފައި ކަމަށެވެ. އޭގެ އިތުރުން ޒުވާނާގެ ފަލަމަސްގަނޑާއި، ބުރަކަށިން ވަރަށް ބޮޑަށް ކަފައިގެން ގޮސް މަސްގަނޑު ނެގިފައިވާ ކަމަށާއި، އޭގެ އިތުރުން ވެސް ޒުވާނާގެ ހަށިގަނޑުގައި އިތުރު ޒަހަމްތައް ހުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޒުވާނާއަށް އިނގުރައިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އެ އަތޮޅު އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ. ވަރަށް ގިނައިން ލޭ ފޭބުމުގެ ސަބަބުން އޭނާގެ ހާލު ދެރަވެފައިވާކަން ވެސް އަބްދުﷲ ފާހަގަ ކުރެއްވި އެވެ.
ހާދިސާއާ ގުޅިގެން އުނގޫފާރު ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 4:30 ހާއިރު އެވެ.