ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ މޮޅު ކުޅުމާއެކު ޕޯޗުގަލްއަށް ޔޫރޯގެ ޖާގަ ކަށަވަރު ވެއްޖެ އެވެ. ޕްލޭ އޮފް ގެ ދެވަނަ ލެގުތަކުގެ މެޗުތަކަށް ފަހު ޔޫރޯގެ ޖާގަ ކަށަވަރު ކުރި ޓީމު ތަކުގެ ތެރޭގައި އަޔަލެންޑާއި، ޗެކް ރިޕަބްލިކް ގެ އިތުރުން ކްރޮއޭޝިއާ ހިމެނެއެވެ.

ބޮސްނިއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ޕޯޗުގަލް ކުޅުނު ދެވަނަ ލެގުގެ މެޗު ކާމިޔާބު ކުރީ 6-2 ލަނޑުން ނެވެ. މެޗުގެ އަށްވަނަ މިނެޓުގައި ޕޯޗުގަލް އަށް ލީޑު ނަގައިދިނީ ކެޕްޓަން ރޮނާލްޑޯ އެވެ. ރޮނާލްޑޯ މިލަނޑު ކާމިޔާބު ކުރީ 105 ފޫޓު ދުރުން ނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ނާނި ވަނީ 90 ފޫޓު ދުރުން ލަނޑެއް ކާމިޔާބު ކޮށް ޕޯޗުގަލް އަށް ލީޑު ފުޅާ ކޮށްދިނެވެ. މެޗުގެ 41 ވަނަ މިނެޓުގައި ބޮސްނިއާ ލިބުނު ޕެނަލްޓީއަކުން ޕޯޗުގަލް ގެ ގޯލު ހުޅުވާލަދިނީ ޒްވެޖެން މިސިމޮވިޗް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުންނެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ރޮނާލްޑޯގެ ދެވަނަ ލަނޑެއް ފެނިގެން ދިޔައެވެ. އޭގެ މިނެޓެއް ފަހުން ބޮސްނިއާގެ މިޑްފީލްޑަރު ސެނަޑް ލުލިޗް އަށް ދެއްކި ރަތް ކާޑާއި ގުޅިގެން މެޗުގެ ބާކީ ބައި ބޮސްނިއާ އިން ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާ އެކުއެވެ. މެޗުގެ 66 ވަނަ މިނެޓުގައި އެމިރް ސްޕަހިޗް ބޮސްނިއާ އަށް ކާޟިޔާބު ކޮށްދިން ލަނޑާއެކު ޕޯޗުގަލް އިން ނަގާފައިވާ ލީޑު އެއް ލަނޑަށް ހަނިވި އެވެ.

މެޗުގެ 72 ހެލްޑާ ޕޮސްޓީޖާ ޕޯޗުގަލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރިއިރު، މެޗުގެ 80 ވަނަ މިނެޓުގައި ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މިގެލް ވޮލޮސޯ އެވެ. މެޗު ފަހު ލަނޑު އަދި ޕޯޗުގަލް އިން ކާމިޔާބު ކުރި ހަ ވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހަތަރު ވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ޕޮސްޓިޖާ އެވެ. މިމެޗު ނިމިގެންދިޔައީ 6-2 ލަނޑުން ޕޯޗުގަލް ކުރީގައި އޮވެގެން ނެވެ. މި ނަތީޖާ އާއެކު ޕޯޗުގަލް ވަނީ ޔޫރޯ އަށް ކޮލިފައި ވެފައެވެ.

މޮންޓެނީގްރޯ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ވެސް ޗެކް ރިޕަބްލިކް ވަނީ މޮޅުވެފަ އެވެ. މެޗުގައި ޗެކް ރިޕަބްލިކް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އަދި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޕީޓާ ޖިރަޗެކް އެވެ. 1-0 ލަނޑުގެ މިނަތީޖާ އާއެކު ޗެކް ރިޕަބްލިކް އިން ނެރުނު މި ނަތީޖާއާއެކު އެޓީމު ވަނީ ޔޫރޯ އަށް ކޮލިފައި ވެފައެވެ.

އެސްޓޯނިއާ އިން އަޔަލެންޑް ހިފެހެއްޓި ނަމަވެސް ޔޫރޯ އަށް ކޮލިފައި ވެފައެއް ނުވެއެވެ. ފުރަތަމަ ލެގުގައި އަޔަލެންޑް އިން 4-0 ލަނޑުން ކާމިޔާބު ކުރުމުން ޔޫރޯ އަށް ކޮލިފައިވީ އަޔަލެންޑް އެވެ. 1-1 ލަނޑުން ނިމުނު މިމެޗުގެ ފުރަތަމަ ލަނޑު އަޔަލެންޑް އަށް ކާމިޔާބު ކޮށްދީ މެޗުގެ 32 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ސްޓެފަން ވާޑް އެވެ. މެޗުގެ 57 ވަނަ މިނެޓުގައި އެސްޓޯނިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކޮންސްޓެންޓިން ވަސިލްޖެވް އެވެ.

ދެވަނަ ލެގުގައި ތުރުކީ އިން ކްރޮއޭޝިއާ ހިފެހެއްޓި ނަމަވެސް ފުރަތަމަ ލެގުގައި ލިބުނު ނާކާމިޔާބީ އާއެކު ޔޫރޯ އަށް ކޮލިފައިވީ ކްރޮއޭޝިއާ އެވެ. ފުރަތަމަ ލެގު މެޗު ކްރޮއޭޝިއާ ކާމިޔާބު ކުރީ 3-0 ލަނޑުން ނެވެ. ކްރޮއޭޝިއާގެ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނިމިގެންދިޔައީ 0-0 ލަނޑުން ނެވެ.