މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަން (ބްރޮޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާގެ އިސްތިއުފާގެ ސިޓީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާކަން ޝަހީބު ވަނީ "ސަން"އަށް ޔަގީން ކޮށްދެއްވައިފަ އެވެ.

ޝަހީބު އޭނާގެ މަގާމުން އިސްތިއުފާ ދެއްވިއިރު، އޭނާގެ އިތުބާރު ނެތް ކަމަށް ކޮމިޓީއިން ނިންމައި ވަނީ އެ މައްސަލައިގައި ވޯޓަށް އަހަން މަޖިލީހަށް ފޮނުވައިފަ އެވެ.

އެ މައްސަލަ މިއަދުގެ އެޖެންޑާގައި ހިމެނި ނަމަވެސް، މަޖިލީހުގެ އެޖެންޑާގައި އިތުރު މައްސަލަތަކެއް ހުރުމުން އެ މައްސަލައިގައި މިއަދު ބަހުސް ކުރެވޭ ގޮތެއް ނުވި އެވެ.

ނޫސްވެރިއެއްގެ ގޮތުގައި ގިނަ ދުވަސްތައް ހޭދަކުރައްވައި މީޑިއާ ސްޓޭޝަންތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ޝަހީބު ކޮމިޝަނަށް އެންމެ ފުރަތަމަ އައްޔަން ކުރީ 2011 ވަނަ އަހަރު އެވެ. އަދި އޭނާ ވަނީ ކޮމިޝަންގެ ރައީސް ކަމުގެ އިތުރުން ނައިބު ރައީސްކަން ވެސް ކުރައްވައިފަ އެވެ.

ޝަހީބުގެ އިތުރުން އެ ކޮމިޝަންގެ ނައިބު ރައީސް، ފާތިމަތު ޒައިނާާ ވެސް މެންބަރުކަމުން ވަކިކުރުމުގެ މައްސަލަ ވަނީ ތަޅުމަށް ފޮނުވައިފަ އެވެ.

ބްރޯޑްކޮމްގެ މެންބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ތަޅުމަށް ހުށަހެޅީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ ގޮތުން މީޑިއާތަކަށް ފިޔަވަޅު އަޅާފައި ވާތީ އާއި ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތަކެއް އެ ކޮމިޝަނުން ކޮށްފައި ވާތީ އެވެ.

ކޮމިޝަންގެ ނައިބު ރައީސްއަކަށް ހުންނެވި، އިސްމާއިލް ސޮފްވާން އާއި ކޮމިޝަންގެ މެންބަރު، ހަސަން ނަބާހު ވަކިކުރަން މަޖިލީހުގެ ކޮމިޓީއިން ނިންމުމާ އެކު އެބޭފުޅުން ވެސް އަމިއްލައަށް މީގެ ކުރިން ވަނީ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.