16 Nov 2011, 09:28
ރާއްޖޭގައި ޗައިނާ އިން އެމްބަސީއެއް ހުޅުވިޔަސް އިންޑިޔާ އިން ކަންބޮޑު ނުވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީ ވިދާޅުވެއްޖެ އެވެ.
އިންޑިޔާގެ ޑިފެންސް މިނިސްޓަރު އޭކޭ އެންތަނީއާ ހަވާލާދީ އިންޑިޔާގެ ދަ ޓައިމްސް އޮފް އިންޑިޔާ ބުނި ގޮތުގައި ޗައިނާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވިޔަސް އިންޑިޔާ އިން ކަންބޮޑެއްނުވެ އެވެ. ނަމަވެސް އިންޑިޔާ އިން ކަންބޮޑު ވަނީ ޗައިނާ އާއި އިންޑިޔާ ގުޅޭ ސަރަހައްދީ ރޮނގުގައި މިލިޓަރީ އިންފްރާސްޓްރަކްޗާ ބިނާކުރާތީ ކަމަށް ވެސް އެންތަނީއާ ހަވާލާދީ އެ ނޫހުގައިވެ އެވެ.
"ދުނިޔޭގެ އެއްވެސް ގައުމަކުން އެހެން ގައުމެއްގައި އެމްބަސީއެއް ހުޅުވުން ނުވަތަ ގުޅުން ބަދަހި ކުރުން ހުއްޓުވާނީ ކިހިނެތް؟ އަހަރެމެން ވެސް މިދަނީ އެކި ހުރިހާ ގައުމަކާ ގުޅުން ބަދަހިކޮށް އެމްބަސީތައް ހުޅުވަމުން. އެއީ ގުދުރަތީ ކަމެއް. ނަމަވެސް ޗައިނާ އިން ދަނީ އެ ގައުމުގެ އަސްކަރީ ގާބިލްކަން އިތުރުކުރަމުން، އަދި އަހަރެމެންގެ ސަރަހައްދީ ރޮނގު ކައިރީ މިލިޓަރީ އިންފްރާސްޓްރަކްޗާ ބިނާ ކުރަމުން. އަހަރެމެންނަށް އެކަން އެނގޭ. އަހަރެމެން އެކަމާ ކަންބޮޑުވޭ،" އެންތަނީ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
އެންތަނީ ވިދާޅުވެފައިވާ ގޮތުގައި އިންޑިޔާ އިން ވެސް ދަނީ އެ ގައުމުގެ އިރުމަތީ ސަރަހައްދީ ރޮނގުގައި އަސްކަރީ ގާބިލްކަން އިތުރު ކުރަމުންނެވެ. ނަމަވެސް އެއީ އެއްވެސް ގައުމަކާ ކުރިމަތިލުމަށް ނޫން ކަމަށާއި އެއީ އިންޑިޔާގެ ސަލާމަތަށް ޓަކައި ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފަ އެވެ.
އެންތަނީއާ ހަވާލާދީ އެ ނޫހުގައިވާ ގޮތުން އިންޑިޔާ އިން ދަނީ ޗައިނާއާ އެކު އަސްކަރީ ގުޅުން ވަރުގަދަކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ދެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ މެދުގައި އަންނަ އަހަރު ވާހަކަތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިވެ، ޗައިނާގެ ހަރަކާތްތައް ރާއްޖޭގައި އިތުރުވުމަކީ އިންޑިޔާގެ ސަލާމަތަށް ނުރައްކަލެއް ވެދާނެ ކަމެއްގެ ގޮތުގައި އިންޑިޔާގެ ބައެއް ނޫސްތަކުން ދަނީ ސިފަކުރަމުންނެވެ.