ގާނޫނުތައް ހެދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތެއް މަޖިލީހުގެ ތެރެއިން ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި އެއީ ގާނޫނު އަސާސީއިން މަޖިލީހަށް ލިބިދީފައިވާ ބާރެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން މި ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ބިލުތައް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ޑްރާފްޓް ކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާތީ، އެކަމާ މެދު ބަންޑާރަ ނައިބާއި ބައެއް ވަޒީރުން ނުރުހުން ފާޅުކުރައްވާފައި ވަނިކޮށެވެ.

އެ ކަންބޮޑުވުންތަކަށް ރައްދު ދެއްވައި މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވާ، މި ދައުރުގެ ތެރޭގައި 20 ބިލެއް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ކަމަށް ބަޔާންކޮށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމަނިކުފާނަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ބިލްތަކުގެ ތެރެއިން، ސީދާ މަޖިލީހަށް އެބިލްތަކުގެ މަސައްކަތް ކުުރުމަށް ޖާގަ ނުދެނީ އާމްދަނީއާ ގުޅުން ހުރި، އިންކަމް ޓެކުހުގެ ބިލާއި ވަޒީފާ ހޯދާ ފަރާތްތަކަށް އެލެވަންސް ދިނުމުގެ ބިލްގެ މަސައްކަތް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ވެސް މަޖިލީހަށް ބިލްތައް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި ލިޔެފައި ވަނީ، މަޖިލީހުގައި އަގުލަބިއްޔަތު ނޯންނަ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަ ހާލަތުގައި ވެސް ގާނޫނު ހެދުމަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި މަޖިލީހުގައި އަގުލަބިއްޔަތު އޮންނަ ޕާޓީއެއްގެ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަ ހާލަތުގައި ވެސް، ސަރުކާރުން މަޖިލީހަށް ބިލް ހުށަހަޅަން ޖެހެނީ އެބޭފުޅާ ނިސްބަތްވާ ޕާޓީ މެދުވެރިކޮށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ގާނޫނު ހެދުމުގެ އެންމެހާ ކަންކަން ކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. މަޖިލީހުން ބިލްތައް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ކޮމިޓީތަކަށް އަންގާފައިވާނެ ކަމަށާއި އެކަން ކުރިއަށް ދާނީ ސަރުކާރުގެ ކަމާ ގުޅުންހުރި ވަޒީރުންނާއި ބަންޑާރަނައިބުގެ ވެސް އެހީތެރިކަމާ އެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެ ބިލުތަކުގެ މަސައްކަތްތައް ހިނގަމުން އެދަނީ ކޮމިޓީތަކުގެ މަސައްކަތްތަކެއްގެ ގޮތުގައި." ރައީސް ނަޝީދު ވިދާޅުވި އެވެ.

ބިލުތައް ޑްރާފްޓް ކުރުމަކީ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށްވެެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ވަނީ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަބް ކޮމިޓީތައް އެކުލަވާލައި އެކަން ފަށާފަ އެވެ. މީގެ ކުރިން ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތައް ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި ނަމަވެސް މަޖިލީހުން އެމަސައްކަތް ފެށި ސަބަބެއް ސާފެއް ނުވެ އެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތުން މަޖިލީހުގެ ކޮމިޓީތަކުން ކުރިއަށް ގެންދަނީ އެމްޑީޕީގެ އެޖެންޑާ 19އިގެ ދަށުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ މަސައްކަތްތަކެވެ. އަދި ރައީސް ނަޝީދު ދެކެވަޑައިގަންވާ ގޮތުން ރައީސުލްޖުމްހޫރިއްޔާވެސް ބިލު ހުށަހަޅުއްވަން ޖެހޭނީ އެމްޑީޕީ މެދުވެރިކޮށެވެ.

ރައްޔިތުންގެ މަޖިލީހުން ބިލުތައް ޑްރާފްޓް ކުރަން ފެށުމުން ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ރޭ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ވިދާޅުވީ ނަޒާހާތްތެރި މަޖިލީހަކުން ސަރުކާރަށް ބިލު ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށެވެ.