09 Oct 2019, 10:17
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން)ގެ ރިޕޯޓަކާ ގުޅިގެން ފެންމަތިވެފައިވާ، ރާއްޖޭގައި ދީނަށް ފުރައްސާރަކުރުމުގެ މައްސަލައާއި މަރުގެ އިންޒާރުތައް ދެމުންދާ މައްސަލަ ހައްލުކުރުމަށްޓަކައި، ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރަން މަޖިލީހުން މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ގަސްދުކުރައްވާކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީއެންއިން އެކުލަވާލި، ރާއްޖޭގައި ހައްދުފަހަނަ އަޅައިދިއުމުގެ ކަންކަން ހުރި މިންވަރާ ބެހޭގޮތުން 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގެ މައްސަލަ ދާދި ފަހުން ފެންމަތިވެފައިވާ އިރު، އެ ރިޕޯޓާ ގުޅިގެން މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއްވެސް ވެއްދި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓާ ގުޅިގެން އިއްޔެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ތިން ގަޑިއިރު ތެރޭގައި 45 މެމްބަރުން ބަހުސްކޮށްފައިވާ ކަމަށާއި، ހުރިހާ މެމްބަރުންވެސް ވަނީ އެ ރިޕޯޓުގައިވާ ބަސްމަގަކީ އިސްލާމްދީނަށް ފުރައްސާރަވާ ގޮތަށް ބޭނުންކޮށްފައިވާ ބަހުރުވައަށް އިއްތިފާގުވި ކަމަށެވެ.
މީގެ އިތުރުން، އިސްލާމްދީނުގައި ކަމެއް އޮތް ގޮތް ބަލަންޖެހޭނީ ދީނީ ދަންނަބޭކަލުންގެ މަޝްވަރާއާއި ލަފާގެ މަތިންކަމަށް މެމްބަރުން އިއްޔެގެ ބަހުސްގައި ފާހަގަކުރިކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީއެންއިން ނެރުނު ރިޕޯޓުގެ މައްސަލަ މި ފަހުން ފެންމަތިވުމާއެކު، އެ ޖަމިއްޔާއިން ވަނީ ރިޕޯޓު އަނބުރާ ގެންގޮސް، ރިޕޯޓުގައި ބޭނުންކޮށްފައިވާ ބަސްމަގު ރަނގަޅުނޫންކަމަށް އިއުތިރާފުވެ، މައާފަށް އެދިފަ އެވެ.
ޖަލްސާގައި މަޖިލީހުގެ ރައީސް މިއަދު ވިދާޅުވީ، އިއްޔެ އެމަނިކުފާނު ވާނީ އިސްލާމިކް މިނިސްޓަރާއި، ހޯމް މިނިސްޓަރާއި، އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން އެމްޑީއެންއަށް ގުޅުއްވާފައި ކަމަށެވެ.
"އަޅުގަނޑުގެ ބޭނުމަކާށްވީ އެމްޑީއެންއަށްވެސް އަދި އެހެން ޖަމިއްޔާތަކަށްވެސް، އަދި އެންމެހާ ޒުވާނުންނަށްވެސް ސާފުވާން އެބަ ޖެހޭ ދީނީ ކަންކަމާ ގުޅޭގޮތުން ކޮން ގޮތަކުން، ކޮން ބަސްމަގެއް ބޭނުންކުރީމަތޯ އެހެން މީހުންނަށް އެކަމާ ކަންބޮޑުވެ ނަފްރަތުކޮށް، ހިތްހަމަނުޖެހުން މި ދަރަޖައަށް އުފުލިގެން ދަނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީއެންގެ ޝަކުވާއަކަށް ވީ، އެ ޖަމިއްޔާގެ މެމްބަރުންނާއި ގުޅުންހުރި ފަރާތްތަކަށް މަރުގެ އިންޒާރު ލިބެމުންދާކަން ކަމަށެވެ. އަނެއްކޮޅުން އިއްޔެގެ ބަހުސްގައި ގިނަ މެމްބަރުންތަކެއް ވަނީ، އިސްލާމްދީން ނިކަމެތިކޮށްލައި އިސްލާމީ އުސޫލުތަކާއި އަގީދާ ދިވެހީންގެ ހިތްތަކުގައި ވަރުގަދަވިޔަ ނުދިނުމަށް ގަސްދުގައި ބަޔަކު މަސައްކަތްކުރަމުންދާކަން ފާހަގަކޮށްފައިކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މި ދެ މައްސަލައަކީވެސް ބަލަންޖެހޭ ކަމެއް ކަމަށާއި، އެކަމުގައި ރައްޔިތުންގެ މަޖިލީހުން ޒިންމާދާރުވާން ޖެހޭ ކަމަށެވެ.
"މި ދެ މައްސަލައާ ގުޅޭގޮތުން އަޅުގަނޑު ގަސްދުކުރަން މިތަނުގައި މިނިސްޓަރުންނާ ވާހަކަދައްކައިގެން ކުރިއަށް ގެންދާނެ ސުލްހަވެރި، ރީތި، ހަމަޖެހޭ، މެދުމިނުގެ ގޮތެއް ހޯދަން. އެއް ފަރާތުން އަނެއް ފަރާތަށް އަނިޔާކުރުމާއި ނައްތާލުމުގެ އިންޒާރު ދެމުން ގެންދިއުން އެއީ ދައުލަތެއްގެ ގޮތުގައި، ގައުމެއްގެ ގޮތުގައި، މުޖުތަމައެއްގެ ގޮތުގައި އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ ގާނޫނުއަސާސީ ދެމެހެއްޓުންކަމަށާއި، ގަނޫނުއަސާސީއަކީ ހަމަޖެހުމާއި އާންމު މަސްލަހަތު ހިފަހަހައްޓައިދޭ މައިގަނޑު ތަރަހަ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކަށް އަބަދުވެސް ވާންޖެހެނީ ސުލްހަވެރިކަމާއެކު، ރުޅިވެރިކަމެއް ނެތި، އެކަކު އަނެކަކު ބަލައިގަނެގެން މަސައްކަތް ކުރަމުން ގެންދިއުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އިސްލާމްދީނަށް ފުރައްސާރަކުރުވަނިވި ބަސްމަގު އެމްޑީއެންގެ ރިޕޯޓްގައި ބޭނުންކޮށްފައި ވާތީ، އެ މައްސަލަ ތަހުގީގުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މި މައްސަލަ ތަހުގީގުކުރާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.