16 Nov 2011, 08:14
އިސްލާމް އާބާދު (ނޮވެމްބަރ 16) : އަލްޤާޢިދާގެ ކުރީގެ ވެރިޔާ އުސާމާ ބިންލާދިންގެ ހުވަފަތް އަނބިކަނބަލެއް ކަމަށްވާ އަމަލު އައްސާދާ އާއި އެކަމަނާގެ ދަރިންނާ ޙަވާލުވުމަށްޓަކައި އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ ޒަކަރިއްޔާއައްސާދާ ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި އުޅުއްވާ ކަމަށް ޚަބަރު ލިބިއްޖެވެ.
ޒަކަރިއްޔާ އާ ޙަވާލާދީ އަލްޖަޒީރާ ބުނިގޮތުގައި ޕާކިސްތާން ސަރުކާރުންވަނީ އޭނާގެ އަންހެންކޮށްކޮ، އަމަލު އައްސާދާއާއި އުސާމާގެ ފަރާތުން އެކަމަނާއަށް ލިބިފައިވާ ދަރިން ޔަމަނަށް ގެންދިޔުމަށްޓަކައި އެ 6 މައިން އޭނާއާ ޙަވާލުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އެމެރިކާގެ ފިއްތުންތަކާ ގުޅިގެން އަމަލުއައްސާދާއާއި އެކަމަނާގެ ދަރިން ދޫނުކުރުމަށް ޕާކިސްތާން ކުރިން ގެންގުޅުނު ސިޔާސަތު މިހާރުވަނީ ބަދަލުކޮށްފައެވެ. އަމަލުއައްސާދާއާއި އެކަމަނާގެ ދަރިން މިނިވަންކޮށް އޭނާއާ ޙަވާލުކުރާނެކަމުގެ ޔަގީންކަން ޕާކިސްތާނުގެ ދާޚިލީ ވަޒީރު މާލިކް ރަޙްމާން ދެއްވާފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އަދި އެނބުރި ޔަމަނަށްދާނީ ކޮށްކޮ އަމަލުއްސާދާއާއި އެކަމަނާގެ ދަރިން ގޮވައިގެން ކަމަށްވެސް ޒަކަރިއްޔާ އަލްޖަޒީރާއަށް މަޢްލޫމާތު ދީފައިވެއެވެ.
އުސާމާގެ ހުވަފަތް އަނބިކަނބަލުންނާއި އެކަމަނާގެ ދަރިންނާ ޙަވާލުވުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ޕާކިސްތާނުން ނިންމާފައިވަނީ އިސްލާމް އާބާދުގައި ހުންނަ ޔަމަން އެންބަސީއާވެސް ގުޅިގެން ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އަމަލުއްސާދާއަކީ އުސާމާ ބިންލާދިންގެ 4 ވަނަ އަނބިކަނބަލުންނެވެ. ޔަމަންގެ ޒުވާން އަންހެނެއް ކަމަށްވާ އަމަލުއްސާދާގެ ބަނޑުފުޅުން އެކަނިވެސް އުސާމާ ބިންލާދިންއަށް 5 ކުދިން ލިބިފައިވެއެވެ.
އުސާމާ ބިންލާދިން އަވަހާރަކޮށްލި ކަމަށް އެމެރިކާ ބުނެފައިވަނީ ޕާކިސްތާނުގެ އަބޫތް އާބާދުގެ ގެއެއްގައި ވަރަށް ހިމޭންކަމާއެކު ޒަމާންތަކެއް ވަންދެން ދިރިއުޅުއްވަމުން ގެންދަވަނިކޮށް މިދިޔަ މޭމަހުގެ ކުރީކޮޅުގައެވެ. އުސާމާ އަވަހާރަކޮށްލީ އެމެރިކާގެ ޚާއްސަ ފައުޖެއް ސިއްރިޔާތުގައި ޕާކިސްތާނަށް ވަދެގެންކަމަށްވެސް އެމެރިކާ ބުނެއެވެ.
ނަމަވެސް އެމެރިކާ މިކަން އިޢްލާންކުރުމުގެ 3 އަހަރުކުރިން ތަބީޢީ މަރެއްގައި އުސާމާ އަވަހާރަވެފައިވާ ކަމަށް އަލްޤާޢިދާގެ ބައެއް ފަރާތްތަކާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އުސާމާ އަވަހާރަވެފައިވާކަން ޚުދު އެމެރިކާގެ ޖާސޫސީ ފަރާތްތަކަށްވެސް އެނގޭ ކަމަށާއި އުސާމާ އަވަހާރަކޮށްލެވިއްޖެކަމަށް މިދިޔަ މޭމަހު އެމެރިކާ އިޢްލާންކުރީ 2014 ވަނަ އަހަރުގެ ކުރިން އަފްޣާނިސްތާނުން ފޭބުމަށް ރައީސް ބަރަކް އޮބާމާ އެކުލަވާލައްވާފައިވާ ޕްލޭން ތަންފީޒުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ޕާކިސްތާނުގައި އެދުވަސްވަރު ޝާޢިޢު ކުރި ރިޕޯޓްތައް ބުނެއެވެ.
އުސާމާ އަވަހާރަކޮށްލި ކަމަށް ބުނިނަމަވެސް އެކަމުގެ އެއްވެސް ހެއްކެތް އަދި ދަލީލެއް އެމެރިކާއަށް ދެއްކިފައެއްނުވެއެވެ. އަދި މިމައްސަލާގައި ޕާކިސްތާނުން ދިން ބަޔާންތަކާއި އެމެރިކާ ދިން ބަޔާންތައްވަނީ ފުށުއަރާކަން އެދުވަސްވަރު ވަނީ ހާމަވެގެން ގޮސްފައެވެ. – އަލްޖަޒީރާ، މީޑިޔާ ރިޕޯޓްތައް