15 Nov 2011, 19:31
މާފުށީގައި ހުންނަ ސަރުކާރުގެ މައި ޖަލުގައި ގައިދީއަކު މިއަދު ދަންޖެހިގެން މަރުވި ހާދިސާއަކީ ވަރަށް ގިނަ ސުވާލު އުފެދޭ މައްސަލައެއް ކަމަށް ބުނެ އެ ހާދިސާ މިނިވަންކަމާ އެކު ތަހުގީގު ކުރުމަށް ޑީއާރްޕީ އާއި އެ ޕާޓީއާ ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީން ގޮވާލައިފިއެވެ.
ޑީއާރްޕީގެ އޮފީހުގައި މިއަދު ދެ ޕާޓީ ގުޅިގެން ބޭއްވި ނޫސްކޮންފަރެންސެއްގައި ގައުމީ ޕާޓީގެ ނައިބުރައީސް އަބުދުލް މަތީނު މުހައްމަދު ވިދާޅުވީ މި ހާދިސާއިން ދޭހަވަނީ ޖަލުގެ ކަންތައްތައް ބޮއްސުންލާފައިވުން ކަމަށާއި އެކަން ރަނޅަށް ތަހުގީގުކޮށް، އިހުމާލުވާ ބަޔަކު ބަލަން ޖެހޭނެ ކަމަށެވެ.
" މިމައްސަލަ މިނިވަން ބަޔަކު ލައްވާ ތަހުގީގު ކުރެވެން ޖެހޭނެ، މިކަން ތަހުގީގު ކުރާނަމޭ ސަރުކާރުން ބުންޏަސް ނުފުދޭނެ،" މަތީނު ވިދާޅުވި އެވެ.
އަދި ވިދާޅުވީ މި ހާދިސާއަކީ ޖަލުގެ ކަންތައްތައް މިހާރު ބޮއްސުންލާފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
" މިކަހަލަ ކަންކަމުންން އަޅުގަނޑުމެންނަށް ދޭހަވަނީ ޖަލުގެ ކަންތައްތައް ބޮއްސުންލާފައިވާކަން، ދެވަނަ ފުރުސަތުގެ ދަށުން ވަނީ ގިނަ ބަޔަކު ދޫކޮށްލާފައި، ޖަލުގެ ކަންތައްތަކަށް ވަރަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައި، އެހެން ވީމާ ޖަލު ބަލަހައްޓަން މިހާރު ފަސޭހަވާނެ،" މަތީން ވިދާޅުވި އެވެ.
އަދި އެ ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު ހަސަން އަފީފު އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށްވެސް ގައުމީ ޕާޓީއާއި ޑީއާރްޕީން މިއަދު ބުންޏެވެ.
މާފުށީ ޖަލުގައި ހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހަކު މިއަދު ދަންޖެހިގެން މަރުވެފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމާ ބެހޭ މާބޮޑު ތަފުސީލުތަކެއް އަދި ދީފައެއް ނުވެއެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: