08 Oct 2019, 18:09
ރާއްޖޭގެ ވިޔަފާރިތަކުގެ ސާވޭއެއް ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
އިނިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ސާވޭ ކުރަން ނިންމީ ވިޔަފާރިކުރާ ތަންތަނުގަ އާއި އެނޫންވެސް މަސައްކަތް ކުރާ ތަންތަނުގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމުގެ ގޮތުން ކަމަށެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ ވަޒީފާއާ ބެހޭ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ ދަށުން ނެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ސާވޭގެ މައިގަނޑު މަގުސަދަކީ މާލެ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންނަށް ކުރެވޭ ޚަރަދުތަކާއި އެ ވިޔަފާރިތަކުގެ މާލީ ހާލަތު ދެނެގަތުން ކަމަށެވެ.
އެ ސާވޭ ކުރުމަށް މިދިޔަ އާދީއްތަ ދުވަހު ހަވާލުކޮށްފައި ވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ސާވޭ ބައްޓަން ކުރެވިފައި ވަނީ ވަކި ވަކި ވިޔަފާރިތަކަށް ޒިޔާރަތްކުރުމަށްފަހު އެ ވިޔަފާރިތަކުގެ ޒިންމާދާރު ފަރާތްތަކާ ބައްދަލުކޮށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިގޮތުން އެއްކުރެވޭ މައުލޫމާތު ތަކަކީ މިނިމަން ވޭޖް ކަނޑައެޅުމުގައި ވިޔަފާރިތަކުގެ މާލީ ހާލަތު އެންމެ ފުރިހަމައަށް ދެނެގަތުމަށް ވަރަށް މުހިންމު މައުލޫމާތުތަކެވެ،" އެ ބަޔާނުގައިވެއެވެ.