ޅ. ނައިފަރު ޖުވެނައިލް ޖަމިއްޔާއިން ބޭންކް އޮފް މޯލްޑިވްސް (ދިވެހި ބޭންކް) ގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުން ޑޮލަރު ދޫ ނުކޮށްގެންގެން ބޭންގެ މައްޗަށް އެ ޖަމިއްޔާއިން ދައުވާކޮށްފި އެވެ.

ޖުވެނައިލް އިން ނައިފަރު ކޯޓަށް މި ދައުވާ ވައްދާފައި ވަނީ މިއަދު އެވެ.

ޖުވައިނައިލް އިން ކުރާ ދައުވާ ބުނާ ގޮތުން އެ ޖަމިއްޔާއިން މިދިއަ ހޯމަ ދުވަހު ބޭންކްގެ ނައިފަރު ބުރާންޗަށް ޑޮލަރު ނަގަން ދިއުމުން ފިޒިކަލް ކޭޝް ޖަމާ ނުކުރާތީ ކަމަށް ބުނެ ޑޮލަރު ދޫކުރަން ދެކޮޅު ހަދާފައިވެވެއެވެ. އަދި އެ ޖަމިއްޔާއިން ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް ބޭރުގެ އެހީދޭ ޖަމާއަތްތަކުން ޖަމާކޮށްދޭ ޑޮލަރު ޖަމިއްޔާގެ ބޭނުމަށް ދޫނުކުރުމުން ޖަމިއްޔާއަށް މާލީ ބޮޑެތި ދަތިތަކާ ކުރިމަތިވެ ބޭރުގެ ޖަމާއަތްތަކާއި އެ ޖަމިއްޔާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ އެއް ގޮތަށް މަސައްކަތްތައް ނިންމުމުގައި ދަތިވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

"... ނައިފަރު ބްރާންޗުން މި ޖަމިއްޔާއިން ހިދުމަތް ހޯދަނީ ބޭންކްގެ އެހެނިގެން ކަސްޓަމަރުން ފަދައިން ދައްކަންޖެހޭ ފީއެއް ދައްކައި ކަމިޝަނެއް ދައްކަން ޖެހޭނަމަ އެ ކަމިޝަނެއް ވެސް ދައްކައިގެން ކަމަށް ވާހިނދު ފައިސާ ދޫނުކޮށް ހިފެހެއްޓޭނެ އެއްވެސް ހަމައެއް އޮތް ކަމަކަށް މި ޖަމިއްޔާއިން ގަބޫލެއް ނުކުރެމެވެ. ބޭންކުގައި ރައްކާ ކުރާ ފައިސާ މި ޖަމިއްޔާއިން އެދުމުން ދޫނުކޮށް ހިފެހެއްޓޭނެ އެއްވެސް ހަމައެއް އޮތް ކަމަކަށް މި ޖަމިއްޔާއިން ނުދެކެމެވެ." ދައުވާގައި ވެއެވެ.

ނައިފަރު ބުރާންޗުގައި އެ ޖަމިއްޔާގެ ޑޮލަރު އެކައުންޓެއް އޮވެ ޑޮލަރު ހުރުމާއެކު ޑޮލަރު ނަގަން ދިއުމުން ފިޒިކަލް ކޭޝް ޖަމާ ނުކުރާތީ ކަމަށް ބުނުމުން އެކަމުގެ ލިޔުމެއް ވެސް ނުދީ އެކައުންޓުގައި ހުރި ފައިސާ ހިފަހައްޓާފައިވާތީ އެ ފައިސާ ދޫކޮށް ދިނުމުގެ އަމުރެއް ބޭންކުގެ ނެރެ ދިނުމަށް އެ ޖަމިއްޔާއިން ވަނީ ދައުވާގައި އެދިފައެވެ.