08 Oct 2019, 15:58
ރާއްޖޭގެ ރަށްތައް ފެހި ކުރުމަށް ޓަކައި މި ސަރުކާރުން ހިންގާ ގަސް އިންދުމުގެ ޕްރޮގްރާމު، "ރަށްފެހި" ޕްރޮގްރާމު އަދިވެސް ކުރިއަށްދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެފި އެވެ.
މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރަށްފެހިގެ ނަމުގައި ޕްރޮގްރާމެއް ފަށައި ރައީސް ސޯލިހު އެ ވައުދު ފުއްދެވީ 15 ޑިސެމްބަރ 2018 ގައެވެ.
އެކަމަކު، އެ ޕްރޮގްރާމު ހުޅުމާލޭގައި ފެށުމަށް ފަހު އިތުރަށް ކުރިއަށް ނުގެންދާ ކަމަށް ބުނެ ތިމާވެއްޓަށް ލޯބި ކުރާ ފަރާތްތަކުން މި ފަހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނީ ރާއްޖޭގެ ރަށްތަކުގައި މިހާރުވެސް ރަށްފެހި ޕްރޮގްރާމް ކުރިއަށްދާ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ރަށަކަށް ގަސް އިންދުމުގެ މަގު ޗާޓެއް އެކަށައެޅުމަށްފަހު ކައުންސިލްތަކަށް ވަނީ ފޮނުވާފައި. އަދި މި ޕްރޮގްރާމަށް ބޭނުންވާ ފަންނީ އެހީއާއި ލަފާ މިނިސްޓްރީއިން ކައުންސިލްތަކަށް ވަނީ ފޯރުކޮށްދީފައި،" އެންވަޔަރަމެންޓް މިނިސްޓްރީއިން ބުންޏެވެ.

ރަށްފެހި ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގައި ގަސް އިންދަނީ -- ފޮޓޯ/ ރައީސް އޮފީސް
މިނިސްޓްރީއިން ބުނި ގޮތުގައި އެ މަގުޗާޓުގައި ހިމެނެނީ، ރަށްރަށުގެ ނެޗުރަލް ވެޖިޓޭޝަންގައި ހުރި ގަސްތައް އެ ރަށުގައި އިންދެން ހުރި ތަންތަނުގައި އިންދާ އިތުރުކުރުމެވެ. ރަށުގެ ހޭޅިފަށާއި މަގުތަކާއި އާއްމު ސަރަހައްދުތަކުގައި ރުއްގަސް އިންދުމަށް އިސްކަންދޭންވާނެ ކަމަށް އެ މަގުޗާޓުގައިވެ އެވެ. އަދި މަގުޗާޓުގައިވާ ގޮތުން އެ ސަރަހައްދުތަކުގައި އިންދަން ވާނީ އެ ސަރަހައްދުތަކާ އެކަށީގެންވާ ރުއްގަހެވެ. ރުއްގަސް އިންދުމަށްފަހު، ހެދި ބޮޑުވާ މިންވަރު ވަޒަންކޮށް، ބެލެހެއްޓުމަށްވެސް މަގުޗާޓުގައި އިރުޝާދު ދީފައިވެ އެވެ.
"މިނިސްޓްރީ އިން ފޮނުވި ޕްލޭނާއި އެއްގޮތަށް، ރާއްޖޭގެ ރަށްރަށުގައި ގަސް އިންދުމުގެ ހަރަކާތްތައް މިހާރުވެސް ކުރިއަށްދޭ. އަދި އެ މަސައްކަތް ކުރިއަށްގެންދާ ގޮތުގެ ތަފްސީލު މިނިސްޓްރީއަށް ދަނީ ރިޕޯޓް ކުރަމުން،" އެންވަޔަރަމެންޓް މިނިސްޓްރީއިން ބުންޏެވެ.
މިނިސްޓްރީއިން ބުނި ގޮތުގައި ރަށްފެހި ޕްރޮގްރާމް ފެށި ދުވަހު ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި 400 ގަސް ވަނީ އިންދާފަ އެވެ. އަދި މުޅި ޖުމްލަކޮށް ވިލިމާލެ، މާލެ އަދި ހުޅުމާލޭގައި 2700 ގަސް އިންދާފައިވެ އެވެ. މިނިސްޓްރީއިން ބުނީ މާލެ ފެހި ކުރަން ގަސްތައް މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރުމުން، އެ ގަސްތައް މި އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު އިންދާ ނިންމާލާފައިވާ ކަމަށެވެ.