ކުރިއަށް އޮތް ދިހަ އަހަރުގައި ޓެކްނޮލޮޖި އިންޑަސްޓްރީ ކުރިއަރައިގެން ދާނެގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރާއްޖޭގައި ސަމިޓެއް ފަށައިފި އެވެ.

ޓެކް އަދި ސޮލިއުޝަންސް ކުންފުންޏެއް ކަމަށްވާ ކައިރެޓްސޫ އިން އިންތިޒާމްކޮށްގެން، މެރީނާ ކްރޮސްރޯޑްސްގައި ބާއްވާ މި ސަމިޓުގައި ދައުލަތުގެ އެކި ވުޒާރާތަކުން ބައިވެރިވެފައިވެ އެވެ. އޭގެތެރޭގައި ސްޓެލްކޯ އާއި ސިޓީ ކައުންސިލުގެ އިތުރުން މިނިސްޓްރީތައްވެސް އެ ސަމިޓުގައި ބައިވެރިވެ އެވެ.

"ރޯޑްޓު 2030" ނަމުގައި އެއް ދުވަހަށް ކުރިއަށްދާ ސަމިޓުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ބޮޑެތި ޓެކް ކުންފުނިތަކުން ކީނޯޓުވަނީ ހުށަހަޅާފަ އެވެ. އެގޮތުން އެ ސަމިޓުގައި ބައިވެރިވާ ކުންފުނިތަކަކީ އެލްޖީ އާއި އަރޫބާ އާއި ހާމަން އާއި ޓައިކޯ އާއި ކޮމްސްކޯޕް އެވެ. އަދި އޭގެއިތުރުން ލޫޓްރޯން އާއި ސްޓީލްކޭސްގެ އިތުރުން ކޮޓާރީވެސް ވަނީ އެ ސަމިޓްގައި ބައިވެރިވެފަ އެވެ.

ރޯޑް ޓު 2030ގެ ނަމުގައި ފެށި ސަމިޓުގެ ތެރެއިން --- ސަން ފޮޓޯ

އެ ސަމިޓުގައި ކުންފުނިތަކުން ކީނޯޓް ދިން އިރު ކީނޯޓުތަކުގައި އަލިއަޅުވާލާފައިވަނީ އެކުންފުނިތަކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާ ގުޅޭގޮތުންނެވެ. އަދި ޓެކް ސާވިސްތައް ރާއްޖެއަށް އިމްޕްލިމެންޓްކުރުމާ ގުޅޭގޮތުންވެސް އެ ސަމިޓުގައި ވަނީ ވާހަކަދައްކާފަ އެވެ.

އެ ސަމިޓާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެމުން ކައިރުޓްސޫގެ ކޯ ފައުންޑާ ސޮފްވާން އަހުމަދު ވިދާޅުވީ އެ ސަމިޓުގެ ބޭނުމަކީ ކުންފުނިތައް ޓެކް އާ ގުޅުވައިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުން ކަމަށެވެ. އަދި ޕޮލިސީ ލެވެލްގައި އެފަދަ ބަދަލުތައް އިމްޕްލިމެންޓްކުރެވޭ ފަރާތްތައް މިއަދުގެ ސަމިޓުގައި ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްމާޓް ސިޓީއެއް މަސައްކަތް ކުރާނެގޮތާ ގުޅޭގޮތުންވެސް އެ ސަމިޓުގައި މައުލޫމާތު ދޭނެ ކަމަށްވެސް ސޮފްވާން ވިދާޅުވިއެވެ.

ސަމިޓާ ގުޅޭގޮތުން ކައިރެޓްސޫގެ ކޯ ފައުންޑާ ސޮފްވާން އަހުމަދު މައުލޫމާތުދެއްވަނީ --- ސަން ފޮޓޯ : އަހުމަދު ޖައިޝަން

މިފަދަ ސަމިޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވިއިރު، ކުރިއަށް އޮތް ކޮންމެ އަހަރެއްގައި އެ ސަމިޓް ބޭއްވުމަށް ގަސްދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސަމިޓުގައި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ބައިވެރިކުރުމަށް މަސައްކަތް ކުރާނެ ކަމަށް ސޮފްވާން ފާހަގަކުރެއްވިއެވެ.

ކުންފުންޏާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސޮފްވާން ވިދާޅުވީ އެ ކުންފުންޏަކީ ތަފާތު ގިނަ ކުންފުނީން އުފެދިފައިވާ ކުންފުންޏެއް ކަމަށެވެ. އެކުންފުނީން ކުރާ މަސައްކަތުގެ ތެރޭގައި އޭސީ މަރާމާތު ކުރުމާއި ނެޓްވޯކް ސަވިސިން އާއި އޭވީ މަސައްކަތާއި ލޮޖިސްޓިކްސް ހިމެނެއެވެ.