08 Oct 2019, 13:54
ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ނަން ދިރާސަކޮށް، އޭގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަންތަކަކީ:
ހުސައިން ފިޔާޒު މޫސާ، އަތަމާގެ/ ތ. ވިލުފުށި
- އަހްމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
- އަހުމަދު އާހިދް ރަޝީދު، ހ. ގުރަވަ
- ފާތިމަތު ސައުސަން، މ. ވެންކޫވާ
މި ހަތަރު ބޭފުޅުންނާވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށްފައިވާ އިރު، އެ ކޮމިޓީން މިއަދު ނިންމާފައިވަނީ މީގެ ތެރެއިން ތިން ބޭފުޅެއްގެ ނަމަށް ވޯޓަށް އަހަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.
އެއީ އަހްމަދު އާހިދު ރަޝީދު، އަހްމަދު ފަޔާޒް އަހަން އަދި ހުސައިން ފިޔާޒު މޫސާއެވެ.
ކޮމިޓީން މި ބޭފުޅުންނާ އިންޓަވިއުކޮށްފައި މާކްސްއެއް ދީފައެއް ނުވެއެވެ. އަދި ތިން ބޭފުޅުންގެ ނަން ފޮނުވާފައިވަނީ ވަކި ތަރުތީބަކުންވެސް ނޫނެވެ.
މި ތިން ބޭފުޅުންގެ ތެރެއިން ހުސައިން ފިޔާޒު މޫސާއަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ލިބިފަައި ހުންނެވި ފަރާތެކެވެ. އަހްމަދު ފަޔާޒް ހަސަނަކީ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެކެވެ. އަދި އަހްމަދު އާހިދު ރަޝީދު މަސައްކަތްކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގައެވެ.
އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު އެ މަގާމަށް އައްޔަން ކުރީ 2014 ޖުލައި 22 ގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވުމުންނެވެ.