15 Nov 2011, 18:09
ރެއާލް މެޑްރިޑުން މިސީޒަން މެދުތެރޭގެ ޓްރާންސްފާގައި ގެންނަން މަސައްކަތްކުރާ ކުޅުންތެރިންގެ ލިސްޓެއް ލީކު ވެއްޖެ އެވެ. 'އޮޕަރޭޝަން މެޑްރިޑް' ގެ ނަމުގައިވާ މި ލިސްޓު ލީކު ކޮށްލީ ސްޕެއިންގެ ނޫހެއްކަމަށްވާ މާސާ އިން ނެވެ.
މި ލިސްޓުގައި ހިމެނިފައިވަނީ ޒުވާން ކުޅުންތެރިން ތަކެކެވެ. އެގޮތުން މިދިޔަ ހަފްތާގައި އާސެނަލް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރި އިނގިރޭސި މިޑްފީލްޑަރު ޖެކް ވިލްޝެޔާ ހިމެނެ އެވެ. ވިލްޝެޔާގެ އިތުރުން ލިލޭ ގެ އެޑެން ހެޒާޑް އާއި ބޮރޫސިއާ ޑޯޓްމުންޑް ގެ މާރިއޯ ގޮޓްޒޭ އާއި، ބާސެލޯނާގެ ރަފިންހާ އަލްކޭންޓަރަ ގެ އިތުރުން އެތްލިޓިކް ބިލްބާއޯ ގެ އިކާ މުނިއައިން ގެ ނަންވެސް މިލިސްޓުގައި ހިމެނެ އެވެ.
ފުޓުބޯޅާގައި ގިނަ ޚަރަދުތަކެއް ކުރާ ރެއާލް މެޑްރިޑުން ވަނީ ދެ ސީޒަނެއް ތެރޭ މަޝްހޫރު ގިނަ ކުޅުންތެރިން ތަކެއް ހޯދާފައެވެ. އެގޮތުން ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، ޖަރުމަން ތަރި މެސުޓް އޮޒިލް އާއި، ބްރެޒިލް ތަރި ކަކާ އާއި، އާޖެންޓީނާ ތަރި އެންޖެލް ޑި މާރިއާ ގެ އިތުރުން ގިނަ ޒުވާން ކުޅުންތެރިން ތަކެއް ވެސް ހޯދާފައި ވެއެވެ.