ސާފް ޗެމްޕިއަން ޝިޕްގައި ބައިވެރިވާ ބަންގްލަދޭޝް ގައުމީ ޓީމަށް ސްޕޮންސަރެއް ލިބިއްޖެ ނަމަ، އެއް ހަފުތާގެ ޓްރެއިނިންގް ކޭމްޕެއް ކުރިއަށްދާ ގޮތަށް ބަންގްލަދޭޝް ގައުމީ ޓީމުގެ މެނޭޖްމަންޓް ކޮމިޓީން ހަމަޖައްސައިފި އެވެ.

ބަންގްލަދޭޝް ގައުމީ ޓީމަށް ސްޕޮންސަރެއް ހޯދުމުގެ ގޮތުން ބައެއް އާންމު ކުންފުނިތަކާއިއެކު ވާހަކަ ދެކެވެމުންދާ ކަމަށް މެނޭޖްމަންޓް ކޮމިޓީގެ ޗެއާމަން ބާދަލް ރޯއީ ވިދާޅުވި އެވެ. އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކޭމްޕެއް ގައި ބައިވެރިވުމަށް ސްޕޮންސާ އެއް ހޯދުމަށް ބޮޑު މަސައްކަތެއް ކުރަމުން ދެއެވެ.

"މެލޭޝިޔާ އަށް ކުރާ ދުތުރުގެ ސްޕޮންސާ ގެ ނަން މާދަމާ ހާމަ ކުރާނަން. ހަމަ އެއާ އެކު މެލޭޝިޔާގައި ކުރިއަށްދާނެ ޕްރެކްޓިސް ޝެޑިއުލް ވެސް އިޢުލާން ކުރެވޭނެ. މެލޭޝިޔާގެ ވަރުގަދަ ދެ ކުލަބަކާއެކު މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ." ބަންގްލަދޭޝްގެ އޮންލައިން މީޑިޔާ އަކަށް ދެއްވި އިންޓަވިއު އެއްގައި ރޯއީ ވިދާޅުވި އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންނަ މަހުގެ ދެ ވަނަ ދުވަހު މުބާރާތް ފަށާއިރު، މުބާރާތުގައި ބަންގްލަދޭޝް ލައްވާލީ އެންމެ ފަހުގެ ރަނަރަޕް ރާއްޖެ އާއި އެއް ފަޅިއެއްގަ އެވެ. އެގޮތުން ރާއްޖެ އާއި ބަންގްލަދޭޝް ހިމެނުނު ގްރޫޕް ބީ ގައި ހިމެނޭ އަނެއް ދެ ޓީމަކީ ޕާކިސްތާނާއި މުބާރާތުގައި ވަރުގަދަ ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލޭ ނޭޕާލް އެވެ.
ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ އިންޑިޔާ އާއި އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާނެވެ.

އިންޑިއާގައި ސާފް ޗެމްޕިއަން ޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ބަންގްލަދޭޝްގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ.

މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.