10:00


ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް 21 ބޭފުޅަކު އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް 57 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.


ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށާއި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރު ކަމަށް ކުރިމަތިލުމަށް، މި ޖޫން މަހުގެ 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލި ފުރްޞަތު، އިއްޔެ ހަމަވިއިރު، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވީ 19 ފިރިހެން ބޭފުޅުންނާއި 2 އަންހެން ބޭފުޅުން ކަމަށާއި ހިޔުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވީ 39 ފިރިހެން ބޭފުޅުންނާއި 18 އަންހެން ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މި ދެ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ޝަރުޠު ހަމަވޭތޯ ބައްލަވައި، އަދި އެބޭފުޅުންގެ މަޢްލޫމާތުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ދެ ކޮމިޝަނަށް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންތައް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެ އެވެ.