ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް މެދުވެރި ފެބުރުއަރީ ހަތެއްގައި ހިނގާ ދިޔަ ކަންތައްތައް ބެލުމަށް ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން އެޖެންޑާކޮށްފި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައި އޮތް އެއް މައްސަލައަކީ، ފެބްރުއަރީ 7، 2012 ގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމެވެ.

އެ މައްސަލަ ކޮމިޓީއިން ބަލަނީ، އެ ކޮމިޓީއަށް ލިބުނު ސިޓީއަކާ ގުޅިގެން ކަމަށް ވެސް ބުނެފައިވެ އެވެ. އެހެން ނަމަވެސް އެ ސިޓީ ފޮނުވީ ކޮން ފަރާތަކުންކަން ހާމަކޮށްފައެއް ނުވެ އެވެ.

ހަތެއް ފެބުރުއަރީގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި އިސްކޮށް އުޅުއްވި އެއް ބޭފުޅާ ކަމަށްވާ، މިހާރުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަކީ ވެސް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރެކެވެ. އަދި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީވެސް އެ ހަރަކާތުގައި އިސްކޮށް އުޅުއްވި ސިޔާސީ ބޭފުޅެކެވެ.

މިފަހުން މަޖިލީހުގައި ސުވާލު ކުރުމުން، ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ 7 ފެބުރުއަރީގެ ވާހަކަ ދައްކާ ނަމަ ގައުމުގެ މަސްލަހަތު ގެއްލޭނެ ކަމަށާއި ކޯނީގެ ރިޕޯޓަށް ހުރިހާ ފަރާތްތަކުން އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ. އަދި "ސަން"ގެ "50 މިނެޓް" ޕްރޮގްރާމްގައި ވެސް އޭނާ ވިދާޅުވީ، އެއީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމަށެވެ.

އެމްޑީޕީ އާއި ރައީސް ނަޝީދު ވެސް ވިދާޅުވަމުން ގެންދަވަނީ 7 ފެބުރުއަރީ އަކީ، "ބަޣާވާތެއް" ކަމަށެވެ. ނަމަވެސް، އެ މައްސަލަ ބަލަން އެކުލަވާލި، ކޮމިޝަން، ކޯނީ ރިޕޯޓްގައި ނިންމީ އެއީ ބަޣާވާތެއް ކަމުގެ ހެއްކެއް ނެތް ކަމަށެވެ. އަދި މިފަހުން ވެސް ރައީސް ނަޝީދު ވިދާޅުވީ 7 ފެބުރުއަރީގައި ސިފައިންނާއި ފުލުހުން ހިންގި މިޔުޓިނީ ނޫނީ ނުކިޔަމަންތެރިކަން ބަލަން ޖެހޭ ކަމަށާއި ސަލާމަތީ ހިދުމަތްތަކުން ނުކިޔަމަންތެރިކަން ދެއްކުމަކީ ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއް ކަމަށެވެ.