08 Oct 2019, 10:19
ސަރުކާރުން ނަގާ ލޯނުތައް ދެއްކުމަށް ފަސޭހަ ކުރުމުގެ ގޮތުން އުފައްދާފައިވާ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑްގައި ހުރި ފައިސާގެ އަދަދު ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެގުނަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ސޮވަރިން ޑިވަލޮޕްމަންޓް ފަންޑަކީ ސަރުކާރުން ނަގާ ބޮޑެތި ލޯނުތައް ދެއްކުމަށް ފަސޭހަ ކުރުމުގެ ގޮތުން، 2016 ވަނަ އަހަރު އުފައްދާފައިވާ ފަންޑެކެވެ.
އެމްއެމްއޭގެ ބެލުމުގެ ދަށުގައި އޮންނަ އެ ފަންޑަށް ޖަމާކުރަނީ، އެއާޕޯޓް ޑިވަލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާ އަދި އެމްއޭސީއެލް އިން ލިބޭ ޑިވިޑެންޑެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް އައި އިރު އެ ފަންޑުގައި 100 މިލިއަން ޑޮލަރު ހުންނާނެ ކަމަށާއި، އަިދި މިހާރު އެ ފަންޑުގައި ހުރީ ކިހާ ފައިސާއެއްކަން ސާފުކޮށްދިނުމަށް ފިނޭންސް މިނިސްޓަރާ ސުވާލުކޮށްފަ އެވެ.
މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، އެ ފަންޑުގައި ހުރީ ގާތްގަނޑަކަށް 96.3 މިލިއަން ޑޮލަރު ކަމަށާއި، މި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ފަންޑުގައި 181 މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.
"އަޅުގަނޑުމެން 30 ސެޕްޓެމްބަރު 2018 ގެ ނިޔަލަށް އެސްޑީއެފްގެ ބެލެންސް އޭރު އަޅުގަނޑުމެން ސަރުކާރާ ހަވާލުވި އިރު، ސޮވެރިން ޑިވެލޮޕްމަންޓްގެ ބެލެންސްގެ ގޮތުގައި ހުރީ ގާތްގަނޑަކަށް 96.3 މިލިއަން ޑޮލަރު. 3 އޮކްޓޫބަރު 2019 އަށް އެސްޑީއެފްގެ ބެލެންސްގެ ގޮތުގައި ހުރީ 181 މިލިއަން ޑޮލަރު،" މިނިސްޓަރު ވިދާޅުވިއެވެ.
ސޮވަރިން ޑިވަލޮޕްމަންޓް ފަންޑުން ދައްކަން ނިންމާފައިވަނީ އެއާޕޯޓް ތަރައްގީ ކުރަން ނަގާފައިވާ ލޯނާއި ބްރިޖް ތަރައްގީ ކުރަން ނެގި ލޯނު ފަދަ ބޮޑެތި ލޯނުތަކެވެ.
އެ ފަންޑް ހަރުދަނާކުރުމުގެ ގޮތުން، އެ ފަންޑާ ގުޅޭ އެންމެހާ އުސޫލުތައް ހިމެނޭ ގާނޫނެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް މަނިޓަރިީ އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީ އާ ގުޅިގެން ކުރަމުން އަންނަ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް އެ ބިލް ފޮނުވޭނެ ކަމަށެވެ.
އޭގެ އިތުރުން އިންޑިއާ ސަރުކާރުގެ އެއިޑް ޕެކޭޖުގެ ތެރޭގައި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިބ އެވެ. އެ ކްރެޑިޓް ފެސިލިޓީގެ އިންޓްރެސްޓް ރޭޓަކީ 1.5 ޕަސެންޓެވެ.
" އޭގެ ބޭނުން އަޅުގަނޑުމެން ކުރާނީ އަޅުގަނޑުމެން ހިންގާ ބޮޑެތި ޕަބްލިކް ސެކްޓާގެ ޕްރޮޕޯޒްލްތައް ހުށަހަޅައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން 200 މިލިއަން ޑޮލަރުގެ ގްރާންޓް އެހީއެއް ލިބިފައި ވާއިރު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީއެއް އިންޑިއާގެ ރިޒާވް ބޭންކާ އެކު އެމްއެމްއޭ އިން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.