08 Oct 2019, 09:53
ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް ކޯޗުކަންކޮށްދެމުން އަންނަ އެ ޓީމުގެ ކުރީގެ ގޯލް ކީޕަރު ވިކްޓޯރ ވަލްޑޭސް އެ މަގާމުން ވަކިކޮށްފައިވާ ކަމަށް އެ ކުލަބުން ބުނެފި އެވެ.
ބާސެލޯނާއަށް ގިނަ މެޗުތަކެއް ކުޅެދީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން އެ ޓީމުގެ ކުރީގެ ކީޕަރު ވަލްޑޭސް އެ ކުލަބުގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗު ކަމާއި ހަވާލުވީ ޖުލައި މަހު އެވެ. ނަމަވެސް އޭނާ އެ މަގާމާއި ހަވާލުވިތާ ތިން މަސް ފަހުން އޭނާ ވަކިކޮށްފައިވާ ކަމަށް ބާސެލޯނާ އިން ވަނީ ބުނެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާ އެ މަގާމުން ވަކި ކުރީ ބާސެލޯނާގެ އެކެޑެމީ "ލަ މާސިއާ" އާއި މިވަގުތު ހަވާލުވެ ހުރި ޕެޓްރިކް ކުލިވާރްޓްއާ ދެމެދު މައްސަލަތަކެއް ޖެހުމަށް ފަހު ހިނގި ބަހުގެ ހަމަލާތަކަކާ ގުޅިގެންނެވެ.
ވަލްޑޭސްގެ ކޯޗުކަމުގެ ދަށުގައި، ބާސެލޯނާގެ ޒުވާން ޓީމު މިވަގުތު އޮތީ ރެއާލް ޒަރަގޯޒާގެ ފަހަތުގައި ތާވަލުގެ ދެވަނައިގަ އެވެ. އެހެން ނަމަވެސް އެ ޓީމުން ވަނީ ޔޫއެފާ ޔޫތް ލީގުގައި ބުރޯޝިއާ ޑޮޓްމަންޑާއި، އިންޓަ މިލާނާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެފަ އެވެ.
ޓީމުގެ ކޯޗުކަމުން ވަކިކުރި ވަލްޑޭސް އަކީ 2010 ވަނަ އަހަރު ސްޕެއިން ވޯލްޑްކަޕު އުފުލާލި އިރު ޑަބަލް ކީޕަރެއްގެ ގޮތުގައި ވެސް ކުޅުނު ކީޕަރެވެ. އޭނާ ވަނީ ބާސެލޯނާއާ އެކު ހަ ފަހަރެއްގެ މަތިން ލީގު ކާމިޔާބުކޮށް ތިން ފަހަރަކު ޗެމްޕިއަންސް ލީގުގެ ތަށި ވެސް އުފުލާލައިފަ އެވެ.
ބާސެލޯނާގެ ޒުވާން ޓީމުގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ދެން އަންނާނެ ކަމަށް ބެލެވެނީ 2010 ވަނަ އަހަރުން ފެށިގެން ލަ މާސިއާގައި ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފްރޭންކް އާޓިގާ އެވެ.
ކުރިން ބޮޑެތި ކުލަބުތަކަށް ކުޅުނު ކުޅުންތެރިން މިހާރަކަށް އައިސް އަންނަނީ ކޯޗިންގް ދާއިރާގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ޒައިނުއްދީން ޒިދާން، ފްރޭންކް ލަމްޕާޑް ވެސް އަންނަނީ އެ ކުޅުންތެރިން ކުރިން ކުޅުނު ކުލަބުތަކަށް ކޯޗުކަަންކޮށްދީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.