15 Nov 2011, 17:57
ވޮޝިންޓަން : (ނޮވެމްބަރ 15) : މިއަހަރުގެ ޑިސެމްބަރ މަސް ނިމުމުގެ ކުރިން އެމެރިކާގެ ހުރިހާ ސިފައިން ޢިރާޤުން ބޭލުމަށް ރައީސް ބަރަކް އޮބާމާ ތަންފީޒުކުރައްވަމުން ގެންދަވާ ޕްލޭނަށް އެމެރިކާގެ ކޮންމެ 4 މީހެއްގެ ތެރެއިން އެކަކު ތާއީދުކުރާކަން ހާމަވެއްޖެއެވެ.
މިކަމާބެހޭގޮތުން ސީބީއެސް ނެޓްވާކުން ކުރި ސަރވޭއެއްގެ ނަތީޖާ ދައްކާގޮތުން މިއަހަރުގެ ޑިސެމްބަރ މަސް ނިމުމުގެ ކުރިން އެމެރިކާގެ ހުރިހާ ސިފައިން ޢިރާޤުން ފޭބުމަށް އެމެރިކާ ރައްޔިތުންގެ ތެރެއިން 77 ޕަސެންޓް މީހުން ތާއީދުކުރެއެވެ. މިކަމާ ދެކޮޅު ހަދާކަން ހާމަކޮށްފައިވަނީ 17 ޕަސެންތް މީހުންނެވެ.
ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ދޮގުހަދައިގެން ޢިރާޤާ ދެކޮޅަށް އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ހަނގުރާމަ ފެއްޓެވުމަކީ އެމެރިކާހެދި ވަރަށް ބޮޑު ގޯހެއްކަމަށް އެމެރިކާގެ ގިނަބަޔަކު ޤަބޫލުކުރާކަންވެސް މިސަރވޭން ހާމަވިއެވެ. ޢިރާޤުގެ މައްސަލާގައި އެމެރިކާހެދި ދޮގުތަކުގެ ސަބަބުން އެމެރިކާގެ އިތުބާރު ދުނިޔޭގައި ގެއްލިގެން ގޮސްފައިވާކަމަށް އެމެރިކާގެ ގިނަބަޔަކު ޤަބޫލުކުރާކަންވެސް މިސަރވޭން ހާމަވެފައިވެއެވެ.
ޢިރާޤު ހަނގުރާމައަށް އެމެރިކާކުރި ބޮޑުޚަރަދަކީ ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލުމަށް އެކަށޭނަ ޚަރަދެއް ކަމަށް އެމެރިކާގެ 41 ޕަސެންޓް މީހުން ދެކޭއިރު އެމެރިކާކުރި ޚަރަދުތަކަކީ ސައްދާމް ވައްޓާލުމާ އެކަށީގެންނުވާވަރުގެ ބޮޑުޚަރަދެއްކަމަށް އެމެރިކާގެ 50 ޕަސެންޓް މީހުން ދެކޭކަންވެސް މިސާވޭން ހާމަވެފައިވެއެވެ.
އިޤްތިސާދީ ގޮތުން މިހާރު އެމެރިކާ ބަލިކަށިވަމުންދާ ދިޔުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޢިރާޤާއި އަފްޣާނިސްތާނާ ދެކޮޅަށް އެމެރިކާ ފެށި ލޭއޮހޮރުވުންބޮޑު ޢުދުވާނީ ހަނގުރާމަތައް ހިމެނޭކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ޢިރާޤުގައި މިހާރުތިބި އެމެރިކާ ސިފައިންގެ 31 ހާސް މީހުން އަންނަ ޑިސެމްބަރ މަހުގެ 15 ގެ ކުރިން ޢިރާޤުން ބާލައި ނިމޭނެ ކަމަށް ޕެންޓަގަން އިން ބުނެއެވެ. -- ނޫސްއެޖެންސީތައް