ބޮލީވުޑްގެ ބަތަލާ ގުލް ޕަނަގް 40، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ބަތަލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ މާދޫ ރިސޯޓްގަ އެވެ. ރާއްޖޭގައި އޭނާ އާއި އޭނާގެ ދަރިފުޅު ނަގާފައިވާ ލޯބި ފޮޓޯތަކެއް އޭނާ އަންނަނީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރަމުން އެވެ.

އަދި ބަތަލާ ވަނީ "20 އިޔާޗެލެންޖް" ވެސް ރާއްޖޭގައި ފުރިހަމަކޮށްފަ އެވެ. މީގެ 20 އަހަރުކުރިން 1999 ވަނަ އަހަރު އޭނާ ރާއްޖެ އައިސް ލައިގެން ހުރި ސްވިމިން ސޫޓްލައިގެން ނެގި ފޮޓޯއެއް މިއަހަރު އޭނާ ވަނީ ހަމަ އެ ސްވިމިން ސޫޓްލައި ފޮޓޯ ނަގައި އެ ޗެލެންޖް ފުރިހަމަކޮށްފަ އެވެ. އެ ފޮޓޯ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައިވަނީ ހިއްސާކޮށްފަ އެވެ.

ގުލް ޕަނަގް އަކީ ކޮމާޝަލް ޕައިލެޓް ލައިންސަންސް އޮންނަ ޕައިލެޓަކާ ކައިވެނިކޮށްގެން އުޅޭ ފަންނާނެކެވެ.

ގިނަ އަދަދެއްގެ ފިލްމުގެ ލީޑު ރޯލުތަކުން އޭނާ ކުރިން ފެނުނު ނަމަވެސް މިހާރު އޭނާ ފެންނަނީ ސަޕޯޓިން ރޯލުތަކުންނެވެ. އެންމެ ފަހުން އޭނާ ކުޅުނީ ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އެވެ. ގުލް ޕަނަގް ގިނަ އަދަދެއްގެ ޓީވީ ސީރީޒް އިން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

ގުލް ޕަނަގްގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ އާއިލާއިން ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާފުށީގަ އެވެ.