07 Oct 2019, 23:58
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސިއަކު ދުއްވި ވޭނެއް އެކްސިޑެންޓްވުމުން ފިލަން މަސައްކަތް ކޮށްފި އެވެ.
އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިރޭ 8:44 އެހާކަށްހާއިރުއެވެ.
ފުލުހުން މިރޭ ބުނީ، އެ ހާދިސާ ހިނގީ ހުޅުމާލޭ ހަނދުވަރީ ހިނގުން އެއް ނަންބަރު ގޯޅީގައި ޕާކް ކޮށްފައި އޮތް ވެހިކަލެއް ދުއްވާލި ވަގުތު ކޮންޓްރޯލުން ނައްޓާލައިގެން ކަމަށެވެ. އެއާއެކުު ޕާކިން ޒޯނުގައި އޮތް ދެ ސައިކަލެއްގައި ޖެހި ވޭން ކޮންޓްރޯލު ނުވެގެން ގޮސް މަގުގެ އަނެއް ފަރާތު ޕޭވްމަންޓް މަތީން ގޮސް ގަހެއްގައި ޖެހުނު ކަމަށް ފުލުހުން ބުންޏެވެ.
"އެކްސްޑެންޓް ވާން މެދުވެރިވި ސަބަބަކީ، ޑްރައިވަރު އަށް ސްޕީޑް ޕެޑަލަށް ފިއްތިގެން ގޮސް ކޮންޓްރޯލް ނުވުމުން ކަމަށް މިހާތަނަށް ބެލެވިފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ވޭން ދުއްވަން އިނީ، 27 އަހަރުގެ ބަންގްލަދޭޝް އަށް ނިސްބަތްވާ ގަވައިދާ ޚިލާފަށް އުޅޭ މީހެއް ކަމަށެވެ. އޭނާގެ އަތުގައި ލައިސެންސް ވެސް ނެތް ކަމަށާއި މިހާރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އެކްސިޑެންޓްވުމުން ވޭން ދުއްވަން އިން ޑްރައިވަރު ވެހިކަލުން ފައިވައިގެން ފިލަން އުޅެނިކޮށް، އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި،" ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓްގައި ޕާކިން ޒޯނުގައި އޮތް ދެ ސައިކަލު ގައި ވޭން ޖެހުމުން ވެއްޓި އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ. އަދި ޕޭވްމަންޓް މަތީގައި ހުރި ތިން ބައިސްކަލެއް ވޭން ދަށުވެ، އެކި ވަރުގެ ގެލުން ވަނީ ލިބިފައެވެ. އޭގެ އިތުރުން ޕޭވްމަންޓް ކައިރީގައި ހުރި ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބުއުޝަން ފޮއްޓާއި ދިރާގު ކޭބަލް ފޮށީގައި ވޭނުން ޖެހުމުގު ސަބަބުން އެ ދެ ފޮށްޓަށްވެސް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ނުލިބޭކަމެއް ކަށަވަރެއް ނޫނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިރޭ ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގި އިރު، ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިިދޔަ ހަތްފާގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގެ އަދަދަކީ 2 އެވެ.