ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުނި، ދިރާގުގެ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް ކަމަށްވާ ދިރާގު ޕޭ ޚިދުމަތް ބޭނުން ކުރުމަށް އިތުރު ލުއި ފަސޭހަތަކެއް ތައާރަފުކޮށްފި އެވެ.

އެ ކުންފުނިން މިއަދު ބުނި ގޮތުގައި، މިހާރު ދިރާގުޕޭ ގެންގުޅުއްވާ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ކާޑް އަދި ބޭންކް ޓްރާސްފަރސް މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝްއިން ކުރެވޭނެ އެވެ. މި ފީޗާގެ ސަބަބުން ކަސްޓަމަރުންނަށް ކޭޝް އިން ކުރެއްވުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ޕޭ އަކީ ކޭޝް ލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ އެވެ.

ފަސޭހަކަމާ އެކު ކޭޝް އިން ކުރުމުގެ އިތުރުން ވެސް މި ހިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސް އިތުރު ފީޗާސްތައް ވަނީ ދާދި ފަހުން ތަޢާރަފްކޮށްފަ އެވެ. އެގޮތުން މިހާރު ދިރާގު ޕޭ އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު ދިރާގު ޕޭގެ މާޗަންޓްސް އަދި އެޖެންޓްސް ހޯދާލެވޭނެ އެވެ. އެގޮތުން އަތޮޅާއި ރަށް ފިލްޓަރ ކޮށް އަދި އެޖެންޓްންނާއި މާޗަންޓްސްގެ ނަން ޖަހައިގެން ވެސް އެޕުން ހޯދާލެވޭނެ އެވެ.

މީގެ އިތުރުން، ދިރާގު ޕޭއަށް އިތުރު އެންއެފްސީ ކާޑު ގުޅުވާދެވޭ ނިޒާމެއް ވެސް ވަނީ ގާއިމު ކޮށްފި އެވެ. އެގޮތުން މިހާރު ކޮންމެ ދިރާގު ޕޭ ޑިޖިޓަލް ވޮލެޓަކަށް ތިން އެންއެފްސީ ކާޑު ނުވަތަ ސްޓިކަރު ރަޖިސްޓާކޮށް ގުޅުވާ ލެވޭނެ އެވެ. އަދި ހަމަ އެއާއި އެކު ކޮންމެ ކާޑަކަށް ވެސް ވޮލެޓްގެ ވެރިފަރާތް ބޭނުންވާ ނަމެއް ކަނޑައަޅައި، ބޭނުންވާ ޓްރާންސެކްޝަން ލިމެޓެއް ކަނޑައެޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި މި ކާޑުތައް ބޭނުންކޮށް ހިންގާ ހުރިހާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް ފަސޭހަކަމާ އެކު ދިރާގު ޕޭ އެޕް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ވަގުތުން ވަގުތަށް ބަލާލެވޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

މިހާރު ދިރާގުޕޭގެ ޙިދުމަތް ދިރާގު ކަސްޓަމަރުންނާ އެއްފަދައިން އެހެން ކޮންމެ ލޯކަލް ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ބޭނުން ކުރެވޭނެ އެވެ. ދިރާގުޕޭ ގެ ޚިދުމަތަށް ހޯއްދެވުމަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވާ ދިރާގުގެ ކަސްޓަމަރ ސާރވިސް އޮފީހަކަށް ޒިޔާރަތް ކުރުމަށް ފަހު ދިރާގު ޕޭގެ ޚިދުމަތަށް ރެޖިސްޓާ ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.