07 Oct 2019, 20:14
މޯބައިލް އެޕްލިކޭޝަން "އަޑަފި" އާއި "ފަސޭހަ" ގެ ވެރިން ހޯދުމަށް މޯލްޑިވިސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިއުލާން ކޮށްފިއެވެ.
ނޫސްތަކުގެ ހަބަރުތައް ރީ ޕަބްލިޝްކޮށްގެން މަންފާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އަޑަފި އާއި ފަސޭހަ އެޕްލިކޭޝަންގެ މައްސަލަ ބަލަން އެމްއެމްސީ އިން ނިންމީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
ސަރުކާރު ގެޒެޓްފައި އެމްއެމްސީ އިން މިއަދު ޝާއިއުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ރާއްޖޭގައި ނެރޭ އޮންލައިން ނޫސްތައް އެއްތަނަކުން ކިޔާލެވޭގޮތަށް ތައްޔާރުކޮށް ހިންގަމުންދާ ދެ މޮބައިލް އެޕްލިކޭޝަން ކަމަށްވާ "އަޑަފި" އާއި "ފަސޭހަ" ގައި ހިމަނާފައިވާ ބައެއް ނޫސްތައް ހިމަނާފައިވަނީ އެ ނޫސްތަކުގެ އިޒުނައެއް ނެތިކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
އެ އިއުލާންގައި ވަނީ އެކަންތައް ބަލައި، މައުލޫމާތު ސާފުކުރުމަށް އެ ކައުންސިލުން ނިންމާފައިވީނަމަވެސް އެ ދެ އެޕްލިކޭޝަނަކީ ކޮންފަރާތަކުން ހިންގާ ދެ އެޕްލިކޭޝަންކަން އެނގެން ނެތް ކަމަށެވެ.
"އެހެންކަމުން މި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ 14:00ގެ ކުރިން މި 2 އެޕްލިކޭޝަން ހިންގާ ފަރާތުން މިކައުންސިލަށް ވަޑައިގެން ނުވަތަ މިކައުންސިލުގެ ފޯނު ނަމްބަރު: 7967919/3003995 އަށް ގުޅައިގެން އެފަރާތްތަކުގެ މައުލޫމާތު ހިއްސާކުރެއްވުން އެދެން،" އިއުލާންގައިވެއެވެ.
މީޑީއާ ކައުންސިލުން އެ މައްސަލަ ބަލަން ނިންމަން އިއުލާން ކުރުމާއެކު، އޭގެ ޖެހިގެން އައި ދުވަހު މިދިޔަ މަހު 26 ވަނަ ދުވަހު އަޑަފި އެޕްލިކޭޝަނުން، އެޕްލިކޭޝަންގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލިއެވެ.