15 Nov 2011, 17:28
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން 3000 މެންބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.
މިއަދު 3000 ފޯމް ހުށައެޅުމާ އެކު އިލެކްޝަނަށް އެ ޕާޓީން ހުށައެޅި ފޯމް ގެ އަދަދު 16000 އަށް އެރީ އެވެ. '
ޕީޕީއެމްގެ ވަގުތީ ނައިބް ރައީސް އަބުދުއްރަހީމް މިއަދު ވިދާޅުވީ އިލެކްޝަނަށް ހުށައަޅަން ޖެހޭ ބައެއް ފޯމްތައް އަދި ވެސް އެބަ ހުރި ކަމަށާއި ނަމަވެސް އެ ފޯމްތައް ޗެކުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މި މަހުގެ ނިޔަލަށް އިތުރު 5000 ފޯމް އިލެކްޝަނަށް ހުށައަޅުއްވާނެ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ގަސްތުކުރީ ގިނަ ފޯމްތަކެއް ހުށައަޅަން އެއީ ކުރިން އިލެކްޝަނުން ބުނެފައި އޮތީ މިއަދާ ހަމައަށް ހުށައަޅާ ފޯމްގެ އަދަދަށް ބަލާފައޭ ޕާޓީތަކަށް ފައިސާ ލިބޭނީ. ނަމަވެސް މިހާރު އެ މުއްދަތު މި މަހުގެ 30ގެ ނިޔަލަށް އިލެކްޝަނުން އިތުރުކުރުމުން ފޯމް ހުށައެޅުން މަޑުޖައްސާލީ،" އަބުދުއްރަހީމް ވިދާޅުވި އެވެ.
މިއަދު ޕިޕީއެމްގެ އޮފީހުގައި އޮތް ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރގެ މެމްބަރު އަހުމަދު މަހުލޫފް ވަނީ ޖަލުގެ ބަންދުގައި ހުރި މީހަކު ދަންޖެހުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ވެސް ގޮވައިލައިފަ އެވެ.
މަހުލޫފް ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ފުލުހުން ނުވަތަ ޖަލުތަކުގެ ބެލުމުގެދަށުން ހައެއްކަ މީހުން މަރުވެފައިވާ ކަމަށެވެ.
"އެއީ ވަރަށް ސީރިއަސް މައްސލަތަކެއް. ފުލުހުން ނުވަތަ ޖަލުގެ ހުރި އެއްވެސް މީހަކު ދަންޖެހިގެން ވިޔަސް އެހެން ގޮތަކަށް ވިޔަސް މަރުވެއްޖެ ނަމަ އެއީ ސީރިއަސް މައްސލައެއް. އެކަން އެންމެ ފުރިހަމަ ގޮތުގައި ތަހުގީގް ކުރެވެން ޖެހޭނެ،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ މިއަދު ދަންޖެހުނު ކުއްޖަކީ ސިކުނޑީގައި ނުކުޅެދުންތެރިކަން ހުރި ކުއްޖެއް ކަމަށް އެ ކުއްޖާގެ އާއިލާގެ ފަރާތުން މަޢުލުމާތު ލިބިފައިވާ ކަމަށެވެ.