ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޯޓުގައި ކާކުކަން ނޭނގޭ ހަ މީހަކު އެބަތިބި ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން، ބޭރުގެ ބޯޓެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތެވެ. އަދި އެ ބޯޓުން މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަށްޓަކައި ބޭނުން ކުރި ދިވެހި މަސް ބޯޓެއް ވެސް ވަނީ އަތުލައިގަނެފައެވެ.

ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހިންގަން ފެށި މި އޮޕަރޭޝަންގައި މިހާތަނަށް ލިބުނު މައުލޫމަތުތަކަށް ބަލާއިރު، އަތުލައިގަނެވުނު ބޭރު ބޯޓުގައި ތިބި ކާކުކަން ނޭނގޭ ހަ މީހަކު ހިފެހެއްޓިފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި އަތުލައިގަތް ދިވެހި މަސް ދޯނި "ހޭދަކުރި -7" ގައިި ތިބި ދެ ދިވެހި ފިރިހެނުންނާއި ބަންގްލަދޭޝް ދެ ފިރިހެނުން ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަންގައި ހިފެހެއްޓި ބޯޓާއި މަސް ދޯނި މިހާރު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ލަފާ ކުރެވޭ ގޮތުގައި މިރޭގެ ވަގުތެއްގައި މި އުޅަނދުތައް ދޫނިދުއަށް ގެނެވޭނެ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނިގޮތިގައި، މަސްތުވާތަކެއްޗާއެކު އަތުލައިގަތް ބޭރުގެ އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވާ ކަމަށާއި ނަމަވެސް އެ ބޯޓު ދުއްވާފައިވަނީ އިރާނުގެ ދިދަ ނަގައިގެން ކަމަށެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ބޯޓުން 150 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އީރާނުގެ ދިދަ ނެގި ބޯޓެއް އަތުލައިގަތް އިރު، މިދިޔަ މެއި މަސް ތެރޭ ރާއްޖެއަށް 51 ކިލޯގެ މަސްތުވާތަކެތި ހިފައިގެން އައި އީރާނުގެ ބޯޓެއް ވަނީ ހިފަހައްޓައިފަ އެވެ. އެ މައްސަލާގައި އީރާނުގެ ފަސް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.