ކ.ތިލަފުށި ކައިރީގައި އޮތް ބޯޓަކާއި ބާޖެއް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.

ބޯޓާއި ބާޖު އޮޔާދާ ކަމުގެ ރިޕޯޓު އެމްއެންޑީއެފްގެ ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނު، މިއަދު ހަވީރު 4:20 ގައެވެ.

އެމްއެންޑީއެފް އިން ބުނީ، "އޮޔާ ގޮސްފައި ވަނީ، ބަރޯސާ" ނަމަކައްކިޔާ ބޯޓަކާއި އެއާއި އެކުގައި އޮތް ބާޖެއް ކަމަށެވެ. އޮޔާދާ ކަމުގެ ރިޕޯޓު ލިބުނީ، ބަރޯސާ ބޯޓުގެ ނަގިލި ކަނޑައިގެންގޮސް ކަމަށް މައުލޫމަތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ހާދިސާގެ މައުލޫމާތު އެމްއާރުސީސީއަށް ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްޑީއެފް އިން ބުންޏެވެ.

"މީހަކު ނެތި އޮޔާދާ މި އުޅަނދުތައް އޮޔާދަނީ ކ.ތިލަފުއްޓާއި ކ.ފޭދޫފިނޮޅާއި ދޭތެރެއިން. އެހެންކަމުން މި ސަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަން،" އެމްއެންޑީއެފް އިން ބުންޏެވެ.

ބޯޓަކާއި ބާޖު އޮޔާދަމުންދާއިރު، މިއަދު މާލޭ ސަރަހައްދަށް ވަނީ މޫސުން ގޯސް ވެފަ އެވެ.