07 Oct 2019, 18:30
އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން ދީނަށް ފުރައްސާރަ ކުރި މައްސަލަ ސިޔާސީނުކޮށް، ދީނަށް ނަސްރު ދޭން މަސައްކަތް ކުރަން އިސްލާމިކް މިނިސްޓްރީއިން ގޮވާލައިފިއެވެ.
އެމްޑީއެން އިން 2015 ވަނަ އަހަރު ޝާއިއު ކުރި ރިޕޯޓެއްގައި ދީނާ ޚިލާފު ވާހަކަތަކެއް ހުރި މައްސަލަ މި ފަހުުން ވަނީ ފެންމަތިވެ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެކަމާ ގުޅިގެން މިއަދު އިސްލާމިކް މިނިސްޓްރީއިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޚް އިލްޔާސް ޖަމާލާއި، އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ ވާހަކަފުޅު ދެއްކެވި އެވެ.
މިނިސްޓަރު ޑރ. ޒާހިރު ވަނީ އެމްޑީއެންގެ ރިޕޯޓުގައިވާ ވާހަކަތައް ކުށްވެރިކޮށް ސަރުކާރުން އެކަން ބަލަމުންދާ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އޭގެ އިތުރުން، އެ ރިޕޯޓާ ގުޅިގެން މީހުންނަށް އިންޒާރު ދިނުމާއި ފުރައްސާރަ ކުރުން ފަދަ ކަންތައްތައް ކުރަމުންދާ ކަމަށާއި، އެފަދަ ކަންކަން ކުރާ މީހުންނާ މެދުވެސް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލު ވިދާޅުވީ ދީނަށް ފުރައްސާރަ ކުރުމަކީ މިއަދު ފެށިގެން އުޅޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ރަސޫލާގެ ޒަމާނުގައިވެސް ދީނުުގެ އަދުއްވުން ކުރި ކަމެއް ކަމަށާއި އެހެންކަމުން އެފަދަ ކަންތައްތަކަށް ހޭއަރައި ތިބެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީއެންގެ ރިޕޯޓަށް ފާޑުވިދާޅުވެ، އިލްޔާސް ވިދާޅުވީ، އެ ދިރާސާއެއްގައި ހުންނަން ޖެހޭ އެތިކްސް އެ ރިޕޯޓުގައި ނެތް ކަމަށެވެ. އެހެންކަމުން އެއީ ދިރާސާއެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ރިިޕޯޓު ހަދާފައި ވަނީ ވަކި ކަމެއް ދެއްކުމަށްޓަކައި، ދީނުގެ ކަންކަން ދަންނަ ބަޔަކާ ސުވާލު ނުކޮށް ވަކި ބަޔަކާ އިންޓަވިއުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ރިޕޯޓު ހަދާފައި ވަނީ ދީނުގެ ކަންކަމާ މެދު އަމިއްލައަށް ގޮތް ނިންމައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ކަންތައްތަކެއް ބަޔަކު ލައިދިނީމާ އެ ލައިދިން ގޮތަށް ބިނާ ކުރުމަށް ފަހުގައި އެ ކަންތައްތަކަށް ދަލީލުތައް ހޯދުމަށްޓަކައި މަސައްކަތް ކުރެވިފައި މިވަނީ ރިސާޗުގެ ނަމުގައި. މިސާލަކަށް ވަކި ސެލެކްޓެޑް ބަޔަކާ އިންޓަވިއުކޮށް، ދީނުގައި ހުރި ބައެއް މަހުފޫމްތަކަށް އަމިއްލައަށް ޖަޖްކޮށް. ދީނުގައި ހުރި މަހުފޫމުތަކާއި މި އެއްޗެހި އިނގޭނީ ދީން ކިޔަވައިގެން ތިބި ބަޔަކަށް، އެހެންނަމަވެސް އެ މީހުންގެ މަޝްވަރާއެއް ނެތި [ލިޔެފައި ވަނީ]،"
އޭނާ ވިދާޅުވީ، އެ ރިޕޯޓުގައި ހުރީ ވަރަށް ބިރުވެރި ވަރަށް ނުރައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އޭގެ ރޫހަކީ ދީނާއި ދައުލަތް ވަކި ކުރުން ކަމަށް ވިދާޅުވިއެވެ.
"މުޅި ދިރާސާ ގާތްގަނޑަކަށް ބިނާވެފައި މި އޮންނަނީ، އޭގެ ރޫހު މައިގަނޑު ގޮތެއްގައި ބިނާވެފައި މި އޮންނަނީ އިސްލާމް ދީނާއި ދައުލަތް ވަކި ކޮށްލަން،" އިލްޔާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީއެންގެ މައްސަލަ ވަރަށް ރަނގަޅަށް މިނިސްޓްރީއިން ބަލާނެ ކަމަށެވެ. އެކަމަކު، އެކަމުގައި ދީނުގައި ނެތް ހަރުކަށިކަމެއް ނުގެންގުޅުއްވާނެ ކަމަށެވެ.
"މަޑުކަށިވެގެން ދީނާ ކުޅެން ފުރުސަތު އަޅުގަނޑުމެން ނުދޭނޭ ފަދައިން، މިކަމުގައި ހަރުކަށިވެގެންގޮސް ދީނުގައި ނެތް ހަރުކަށި ކަމެއް ވެގެން ހައްދުފަނައަޅައި ދިޔުމުގެ ފުރުސަތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނުދޭނަން،" އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އިލްތިމާސްކުރެއްވީ، އެ މައްސަލަ ސިޔާސީނުކޮށް، ދީނަށް ނަސްރު ދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ.
"އަޅުގަނޑު އިލްމުވެރިންނަށްވެސް ގޮވާލަން ބޭނުން ވަނީ އެއީ ދީނީއޭ، އެއީ ލާދީނީއޭ، އެއީ އަނެއް ސަރުކާރޭ، އަނެއް ސަރުކާރޭ، ތިޔަހެން ސިޔާސީ މިކަންކަން ނުކުރުވާ އަޅުގަނޑުމެން އެއްބައިވަންތަވެ، އެއް ހަށިގަނޑެއްގެ ގޮތުގައި ﷲގެ ދީނަށް ނަސްރު ދިނުމަށް، މި ދީން މި ގައުމުގައި ދެމެހެއްޓުމަށްޓަކައި މިކަހަލަ އަނދިރި ފިކުރުތަކުން މި ގައުމު ސަލާމަތް ކުރުމަށްޓަކައި އެންމެން އެކުވެރިކަމާއި ބަދަހިކަމާ އެކު މަސައްކަތް ކުރާށޭ. އިރާދަކުރެއްވިއްޔާ އެ އެއްބާރުލުން ދޭނެ ސަރުކާރަކީ މި ސަރުކާރޭ،" އިލްޔާސް ޖަމާލް ވިދާޅުވިއެވެ.
އެމްޑީއެންގެ ރިޕޯޓާ ގުޅޭ މައްސަލައާ ބެހޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެތިން ގަޑިއިރު ބަހުސް ކުރިއެވެ. އެމްޑީޕީގެ މެމްބަރުން ފާހަގަ ކުރައްވަމުން ގެންދެވީ އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ނެރުނު ރިޕޯޓެއް ކަމަށެވެ. އަދި މިއަދު އެ ރިޕޯޓުގެ ވާހަކަ ފެންމަތިކޮށްގެން އުޅޭނީ ސިޔާސީ ބޭނުމަށް ކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވިއެވެ. އިދިކޮޅު މެމްބަރުން ވަނީ އެ ރިޕޯޓުގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ގޮވާލާފައެވެ.
ދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ އެމްޑީއެންގެ ރިޕޯޓަކީ އެ ޖަމްއިއްޔާ އިން 2015 ވަނަ އަހަރު އާންމުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" މި ރިޕޯޓެވެ. އެ ރިޕޯޓަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް 2015 ވަނަ އަހަރު ނެރުނު ރިޕޯޓެކެވެ.
އެ ރިޕޯޓު ފެންމަތިވުމުން އޭގެ މައްސަލަ އެންމެ ފުރަތަމަ ފުލުސް އޮފީހަށް ހުށަހެޅީ އާންމު ފަރާތަކުންނެވެ. އެފަހުން އިސްލާމިކް މިނިސްޓްރީއިންވެސް ވަނީ އެ ރިޕޯޓުގެ މައްސަލަ ފުލުހަށް ހުށަހަޅައިފައެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މިއަދު ވަނީ އެ ރިޕޯޓު ކުށްވެރިކުރައްވައިފައެވެ. މިއަދު އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ތަވްހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.