މުމްބާއީ (އޮކްޓޯބަރު 7): އިންޑިއާގެ މުމްބާއީގައި އޮންނަ ގަސްތައް ގިނަ ސަރަހައްދެއް ކަމަށްވާ އާރޭ ކޮލޮނީން ގަސްތައް ކެނޑުން ވަގުތީ ގޮތުން ހުއްޓާލަން އެގައުމުގެ ސުޕްރީމް ކޯޓުން މިއަދު އަންގައިފި އެވެ.

އާރޭ ކޮލޮނީ އޮންނަ ސަރަހައްދުގައި މެޓްރޯ ރޭލު ޕާކު ކުރުމަށް ބޭނުންވާ ޝެޑެއް ހެދުމަށް، މުމްބާއީ މެޓްރޯ ރެއިލް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްއާރުސީއެލް)އިން ގަސްތަށް ކެނޑުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާކޮށްފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާތަކުގައި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، 50 މީހަކު ހައްޔަރު ކުރި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން އެމައްސަލަ ބަލަން ނިންމީ އާރޭ ކޮލޮނީން ގަސް ކެނޑުން ހުއްޓުވުމަށް އެދި، ގާނޫނީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންތަކެއް ހުށަހެޅި ސިޓީއަކާ ގުޅިގެންނެވެ.

އެސިޓީގައި ދަރިވަރުން ވަނީ އާރޭ ކޮލޮނީއަކީ ޖަންގައްޔެއް ކަމަށާއި އެއީ ހިމާޔަތް ކޮށްފައިވާ ސަރަހައްދެއް ކަމަށް ކަނޑައަޅަން އެދިފަ އެވެ. އަދި އެސަރަހައްދުން މިހާތަނަށް 1،500 ގަސް ކަނޑާފައިވާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށާއި ގަސްތަކުގެ ދިފާއުގައި މުޒާހަރާ ކުރި އެކްޓިވިސްޓުންނަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެފަ އެވެ.

އެދަރިވަރުން ސުޕްރީމް ކޯޓަށް ސިޓީ ހުށަހެޅީ، މިމަހުގެ ހަތަރެއްގައި ބޮމްބޭ ހައި ކޯޓުން އާރޭ ކޮލޮނީއަކީ ޖަންގައްޔެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް ބުނެ، އެސަރަހައްދުން 2،600 ގަސް ކަނޑަން މުމްބާއީ މުނިސިޕަލް ކޯޕަރޭޝަނުން ނިންމި ނިންމުން ބާތިލު ކުރަން ދެކޮޅު ހެދުމުންނެވެ.

ނަމަވެސް މިއަދު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަނީ 1،300 ހެކްޓަރު (3،212 އޭކަރު)ގެ އާރޭ ކޮލޮނީއަކީ "ޖަންގައްޔެއް ކަމަށް ބަލައިގަނެފައި އޮތް ދުވަސްވަރެއް" ދިޔަ ކަމަށާއި އެސަރަހައްދުން ގަސް ކެނޑުމުގެ މައްސަލަ ކޯޓުން ބަލާ ނިމެންދެން ގަސް ކެނޑުން ހުއްޓާލުމަށް އަންގާފަ އެވެ. އެމައްސަލައިގައި ދެން އަޑު އެހުމެއް ބާއްވަން ތާވަލު ކޮށްފައި ވަނީ މިމަހުގެ 21ގަ އެވެ.

އަދި އެކޯޓުން ވަނީ އާރޭ ކޮލޮނީ ރައްކާތެރި ކުރުމަށް ގޮވާލާ މުޒާހަރާ ކުރި މީހުންގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މީހުން ދޫކޮށްލުމަށްވެސް އަންގާފަ އެވެ.

އެމައްސަލައިގައި ކޯޓަށް ހާޒިރު ކުރި މަހާރަޝްތުރާ އެންޑް ބޮމްބޭ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ)އިން ވަނީ ކޯޓުން އެންގި ގޮތަށް، އާރޭ ކޮލޮނީން ދެން ގަސް ނުކަނޑާނެ ކަމަށް ބުނެފަ އެވެ. އަދި މަޝްރޫއު ކުރިއަށްގެންދާ އެމްއެމްއާރުސީއެލްއިން 20،900 ގަސް އިންދާފައިވާކަން ފާހަގަކޮށްފަ އެވެ.