ދެ ރަށެއްގެ މިސްކިތުގެ މަސައްކަތާއި ކަލާފާނު ސްކޫލް އެކްސްޓެންޝަންގެ މަސައްކަތުގައި ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ދެ މިސްކިތް އަޅަނީ ހދ. ކުމުންދޫ އާއި އެއަތޮޅު މަކުނުދޫގަ އެވެ.

ހައުސިން މިނިސްޓަރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުމުންދޫ މިސްކިތާއި މަކުނޫ މިސްކިތުގެ މަސައްކަތް ހަވާލު ކުރީ މާރިސް ކޮންސްޓްރަކްޝަނާ އެވެ. އެއްބަސްވުމުގައި ސަރުކާރުން ސޮއި ކުރެއްވެވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. މާރިސްގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ. ދެ މިސްކިތް މާރިސްއާ ހަވާލު ކޮށްފައި ވަނީ މިސްކިތަކަށް 4.1 މިލިއަން ރުފިޔާއަށެވެ. އެއީ 10 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ކަލާފާނު ސުކޫލްގެ އެކްސްޓެންޝަންގެ މަސައްކަތް ހަވާލު ކުރީ ވިމްލާ ކޮންސްޓަރްކްޝަނާ އެވެ. ވިމްލާއާ މަސައްކަތް ހަވާލު ކުރީ 12.3 މިލިޔަން ރުފިޔާ އަށް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި އެއްބަސްވުމުގައި ވެސް ސަރުކާރުން ސޮއިކުރެއްވެވީ އަކުރަމް ކަމާލުއްދީނެވެ. ވިމްލާއިން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.