މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން 2015 ވަނަ އަހަރު އާންމުކުރި "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގެ މައްސަލަ މިހާރު ބޮޑުވެގެން އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ ބަޣާވާތެއް ކުރުމުގެ މަގުސަދުގައި ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.

އެ ރިޕޯޓާ ގުޅިގެން މިއަދު މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ. ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީ މެމްބަރުން ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

އަދި މިއީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އާންމުކުރި ރިޕޯޓަކަށް ވާއިރު، އެ ސަރުކާރުން ރިޕޯޓާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅައި، މިހާރު އެ ރިޕޯޓުގެ ވާހަކަ ދައްކާ ސަބަބާމެދު އެމްޑީޕީ މެމްބަރުން ވަނީ ސުވާލު އުފައްދައިފައެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު -- ފޮޓޯ/ މަޖިލިސް

ބަހުސްގައި ވާހަކަ ދައްކަވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ދީނަށް ފުރައްސާރަ ކުރާ މައްސަލަތަކަކީ ކޮންމެހެން ބަލަންޖެހޭ މައްސަލަތައް ކަމަށެވެ. އަދި އެފަދަ މައްސަލަތައް ތަހުގީގުކޮށް "ބާރަށް ކުރިއަށް ގެންދަން" ވީ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވައި ދެއްކެވި ވާހަކައިގައި ނަޝީދު ވަނީ އެމްޑީއެންގެ ރިޕޯޓުގައި ދިވެހި ބައެއް އިލްމުވެރިންގެ ނަންތައް ހިމަނާފައި ވުމުން، އެ ފަރާތްތަކަށް ބޭރު ގައުމުތަކަށް ދަތުރު ކުރުމާއި، ބޭރުގެ ޔުނިވާސިޓީތަކުން ކިޔެވުމުގެ ފުރުސަތު ހާސިލްކުރުމަށް ވެސް ހުރަސް އެޅިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކައަށް އަލިއަޅުއްވާލައްވައި މުހައްމަދު ރަޝީދު ވިދާޅުވީ މައްސަލައަކީ ކޮންމެހެން ދީނަށް ފުރައްސާރަކުރުން ނޫން ކަމަށާއި، މައްސަލައަކީ ރިޕޯޓުގެ ސަބަބުން ޝެއިޚުންނަށް ނުފުރި އެމީހުން ހިންގަން އުޅޭ "ޖަރީމާތައް" ނުހިންގުން ކަމަށެވެ.

"މިއުޅެނީ ހަމަ ބަޣާވާތެއް ރާވަން. އިތުރު ކަމެއް ނޫން. މީ ހަމަ ސީދާ ބަޣާވާތެއް. އިދިކޮޅު ފަރާތުން، މީގެ އެންމެ އަޑީގައި ހުންނާނީ ޔާމީން އަބްދުލް ގައްޔޫމް. ހަމަ ޔަގީން. މި ކޯލިޝަން ތެރޭގައި އެބަތިބި މީގެ އެތައް ބަޔަކު. މިއީ ބަޣާވާތެއް ކުރަން. މީ ކޮން ދީނެއް ވެގެން މިއުޅެނީ؟" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ދެވަނަ ފަހަރަށް ރާއްޖޭގައި ބަޣާވާތެއް ނުކުރެވޭނެ ކަމަށާއި، ދިވެހި މުޖުތަމައު މިހާރު އެއަށްވުރެ ހޭލުންތެރި ކަމަށެވެ. އަދި މީހުންގެ ބޮލަށް ވަދެ، ވާވެއްދުމަކީވެސް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވެސް ވަނީ ހަމަ މި މޭރުމުން ވާހަކަ ދައްކަވައިފައެވެ. ނިހާދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެހެން ނަމަވެސް މިއަދު ދިމާވެގެން އުޅެނީ ރިޕޯޓުގެ މައްސަލަ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު -- ފޮޓޯ/ މަޖިލިސް

"ކުނޫޒު އެކްޓިވޭޓް ކުރެވިއްޖެ. ޔާމީން އަބްދުލް ގައްޔޫމްގެ ފަހަތުގައި ވައްކަން ކުރާން އުޅުނު އެންމެން އެތަނަށް ޖަމާވެ މިވާހަކައެއް ދައްކާ، މި ގައުމު ހަލަބޮލިކޮށް މިއަދުގެ ސަރުކާރު ބަދުނާމު ކުރުމަށްޓަކައި މަސައްކަތްތަކެއް ފަށައިފި. މި މަސައްކަތުގެ އަލީގައި މިއަދު އަނެއްކާވެސް ހިންގަމުން އެ ގެންދަނީ އަނެއްކާވެސް ބަޣާވާތެއްކުރުމުގެ މަސައްކަތް،" ނިހާދު ވިދާޅުވިއެވެ.

މައްސަލައިގައި ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ 2015 ގެ ރިޕޯޓެއްގެ ކަންކަން ކުއްލިއަކަށް ފެންމަތިކޮށް ބަޔަކު މިއަދު އުޅޭ ސަބަބު ހޯދަން ޖެހޭ ކަމަށެވެ.

އަދި އެ ރިޕޯޓުގައި ހުރި ވާހަކަތައް ސަރުކާރުގެ ބޮލުގައި އަޅުވައި، އެއީ ސަރުކާރު ވައްޓާލަން ދައްކާ ހުއްޖަތެއް ނަމަ، އެކަން ވަގުތުން ހުއްޓާލުމަށް ހަސަން ލަތީފް ގޮވާލެއްވިއެވެ.

އަދި ބަޣާވާތެއް ގެންނަން އުޅޭ ނަމަ، އެކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްނަންގަވައިގެން ބައްލަވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.