މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ޗެއާޕާސަންކަމުގައި ހުންނެވި އާއިޝަތު ނޫޝިން ވަހީދު، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެންޓި-ޓެރަރިޒަމް ކޮންސަލްޓަންޓުގެ ގޮތުގައި ސެޕްޓެމްބަރު މަހުން ފެށިގެން ކޮންޓްރެކްޓު ވަޒީފާއެއް އަދާކުރައްވަމުން ގެންދަވާ ނޫޝިން، އެމްޑީއެންގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވީ، އެނގިފައިވާ ގޮތުން، އިއްޔެއެވެ.

އެހެން ނަމަވެސް ނޫޝިން އިސްތިއުފާދެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ އޮފިޝަލަކު ވަނީ، ނޫޝިން އެ ޖަމިއްޔާއިން އިސްތިއުފާ ދިންކަމުގެ ސިޓީ ލިބިފައިވާކަން "ސަން"އަށް ކަށަވަރުކޮށްދީފައެވެ.

ނޫޝިން މީގެ ކުރިން ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގައި އިންޓެލިޖެންސް އެނެލިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ޕޮލިޓިކަލް ސައިންސް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ.

ނޫޝިން އެމްޑީއެންއިން އިސްތިއުފާ ދެއްވާފައި މިވަނީ، އެ ޖަމިއްޔާއިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ހުރި ބައެއް ވާހަކަތަކަކީ އިސްލާމްދީނާ ހިލާފު ކަންތައްތަކެއް ހުރުމުގެ ސަބަބުން ގިނަ ބަޔަކު އެ ޖަމިއްޔާއާ ދެކޮޅަށް އަޑު އުފުލަމުން ގެންދާ ދަނޑިވަޅެއްގައެވެ.

މީގެ ތިން އަހަރު ކުރިން އާންމުކުރި ރިޕޯޓާ ބެހޭގޮތުން ގިނަ ބަޔަކު އެ ޖަމިއްޔާ އަދި ޖަމިއްޔާގައި މަސައްކަތްކުރާ މީހުންނަށް ފާޑުކިޔަމުންދާ އިރު، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ވަނީ އެ ރިޕޯޓު އަނބުރާ ގެންގޮސް، މައާފަށްވެސް އެދިފައެވެ.

އެ ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ. އަދި ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓުން ވަނީ ހުރިހާ ޖަމިއްޔާއަކުންވެސް ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.