ކޮލޮމްބޯ (އޮކްޓޯބަރު 7): ސްރީލަންކާގެ ރައީސަކު ހޮވުމަށް އަންނަ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން 35 ކެންޑިޑޭޓުން ކުރިމަތިލައިފިއެވެ.

މިއީ ސްރީލަންކާގެ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ފަހަރެވެ. މީގެ ކުރިން އެންމެ ގިނައިން ކެންޑިޑޭޓުން އިންތިހާބުގައި ކުރިމަތިލީ 2010 ވަނަ އަހަރު އޮތް އިންތިހާބުގައެވެ. އެއީ 22 ކެންޑިޑޭޓުންނެވެ.

އަދި މިއީ ސްރީލަންކާގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު އިތުރު ދައުރަކަށް، ނުވަތަ އެގައުމުގެ ބޮޑުވަޒީރަކު ނުވަތަ އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނަވާ ބޭފުޅަކު އިންތިހާބުގައި ވާދަ ނުކުރައްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

ލަންކާގައި މިހާރު އޮތް މައި އިދިކޮޅު ޕާޓީ ކަމަށްވާ ޕޮޑުޖާނަ ޕެރަމުނަ (އެސްއެލްޕީޕީ)ން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް އަދި އެޕާޓީގެ ލީޑަރު މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސައެވެ. އަދި ސްރީލަންކާގެ މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާއި އޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)އިން ވަނީ ގޯޓާބަޔައަށް ތާއިދުކުރަން ނިންމާފައެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ނިސްބަތްވެވަޑައިގަންނަވާ، އެގައުމުގެ ވެރިކަންކުރާ ޕާޓީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސަ އެވެ.

ޕްރޭމަދާސައަކީ ސްރީލަންކާގައި 1989 ވަނަ އަހަރުން ފެށިގެން މެއި 1993 އާ ހަމައަށް ރައީސްކަން ކުރެއްވި ރަނަސިންހަ ޕްރޭމަދާސަގެ ދަރިކަލުންނެވެ. ރައީސްކަމުގައި ހުންނަވަނިކޮށް ރައީސް ރަނަސިންހަ ޕްރޭމަދާސަ އަވަހާރަވީ 1 މެއި 1993 ވަނަ ދުވަހު ކޮލޮމްބޯގައި އެލްޓީޓީއީއިން ޖާނުން ފިދާވެ ދިން ހަމަލާއެއްގައެވެ.

އަންނަ މަހުގެ 16އިގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެންމެ ގާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ ގޯޓާބަޔައާއި ޕްރޭމަދާސައެވެ. މީގެ އިތުރުން އެގައުމުގެ ކޮމިއުނިސްޓް ފިކުރުގެ ޖަނަތަ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ފަރާތުން އެ ޕާޓީގެ ލީޑަރު އަނޫރަ ކުމާރަ ޑިސާނާޔަކައަކީވެސް ވާދަވެރި ކެންޑިޑޭޓެކެވެ.

އެ އިންތިހާބުގައި އެއް އަންހެން ކެންޑިޑޭޓާއި މިނިވަން 19 ކެންޑިޑޭޓުން ވާދަ ކުރާނެއެވެ.