15 Nov 2011, 17:11
ފ. އަތޮޅު ނިލަންދޫގައި ހުންނަ އެ އަތޮޅުގެ އަތޮޅުގޭގެ އިމާރާތް، ފ. އަތޮޅު ކައުންސިލްގައި ތިއްބަވާ އެމްޑީޕީ އަށް ނިސްބަތްވާ ދެ މެމްބަރަކު ހުއްދަ ނެތި ބޭނުން ކުރައްވަމުން ގެންދަވާ ކަމަށް ބުނެ އަތޮޅު ކައުންސިލްގެ އިދާރާގެ ކައިރިއަށް މިއަދު ބަޔަކު އެއްވެ އަޑު އުފުލަމުން އެބަދެ އެވެ.
ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައިރިއަށް އެއްވެ ތިބި ބައެއް މީހުން ބުނީ ފ. އަތޮޅު، އަތޮޅު ގެއަކީ އެ އަތޮޅު އަތޮޅު ކައުންސިލާ ހަވާލުކޮށްފައިވާ އިމާރާތެއް ނޫން ކަމަށާއި އެ އިމާރާތަކީ ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތެއް ކަމަށެވެ.
އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިއުމަކުން ނުހޯދައި ދެ ކައުންސިލަރަކު މިހާރު އެ އިމާރާތުގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެއީ ގަވައިދާ ހިލާފަށް ކުރަމުންދާ ކަމަކަށް ވާތީ އެބޭފުޅުންނާ ބައްދަލުކޮށް އެކަން ހުއްޓަވައިލެއްވުމަށް ސުލްހަވެރި ކަމާ އެކު ދަންނަވާފައި ވާނެ ކަމަށް ވެސް އެމީހުން ބުންޏެވެ.
"އަޅުގަނޑުމެން ވާނީ އެ ބޭފުޅުންނާ ބައްދަލުކޮށް އެކަން އެގޮތަށް ނުކުރެއްވުމަށް ތަކުރާރުކޮށް ދަންނަވާފައި. އެ ބޭފުޅުން ގެންދަވަނީ އެ އިމާރާތުގައި ދިރިއުޅުއްވަމުން، އަދި އެއިމާރާތުގެ ކަރަންޓް ބިލް ވެސް ދައްކަމުން ދަނީ އަތޮޅު ކައުންސިލްގެ އިދާރާގެ ބަޖެޓުން. އެހެންވެ އަޅުގަނޑުމެން މިއަދު މި އިހުތިޖާޖު ކުރަނީ،" ނިލަންދޫން މައުލޫމާތު ދިން މީހަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އަތޮޅު ކައުންސިލްގެ އިދާރާ ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަމުންދަނީ ގާތްގަނޑަކަށް 100 މީހުންނެވެ.
ފ. އަތޮޅު ކައުންސިލް މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އެ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ހަލީލު ވިދާޅުވީ އަތޮޅުގޭގެ އިމާރާތުގައި ދެ ކައުންސިލަރަކު ދިރިއުޅުއްވާ ކަމަށާއި އެއީ ސަރުކާރުން ހުއްދަ ލިބިގެން ކަމަށެވެ. ނަމަވެސް އެ ހުއްދަ ލިއުމަކުން ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަތޮޅުގެ ބޭނުން ކުރުމުގެ ހުއްދަ ލިއުމަކުން ލިބިފައެއް ނުވޭ. އެކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދޭކަށް އަޅުގަނޑު މިވަގުތު ބޭނުމެއް ނޫން،" ހަލީލު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެއްވެ ތިބި މީހުންނާ އެ މައްސަލައިގާ ވާހަކަ ދައްކަވާނެ ކަމަށެވެ.