ސައިކަލެއްގެ މަތީގައި އިންދާ ދިވެއްސަކު ގޮސް ފެންޖެހި ބިދޭސީ މީހާ ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ސައިކަލް މަތީގައި ބިދޭސީން ތިބޭތީ އެކަމުގެ ނުހޮރުއްޕާން ބޮޑުވެގެން ދިވެހި މީހާ އައިސް ބިދޭސީ މީހާގެ މޫނަށް ބޮޑު ފެން ބާލިދީއެއް އޮއްސާލުމުން ގިނަބައެއްގެ ފާޑުކިޔުން ފެންޖެހި މީހާއަށް އަމާޒުވި އެވެ.

އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމުން އެކަން ތަހުގީގްކުރަމުންދާ ކަަމަށްވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ ތަހުގީގުގެ ބޭނުމަށް އަނިޔާ ލިބުނު މީހާ ދެނެގަތުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.

އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.

ބިދޭސީ މީހާ ހޯދަން ދިވެހިން ހިންގާ ފޭސްބުކް ޕޭޖަކުންވެސް މީގެ ކުރިން މަސައްކަތް ކުރި އެވެ.