ތޫނިސް (އޮކްޓޯބަރ 7) : ތޫނިސްގެ ޕާލަމެންޓްރީ އިންތިޚާބުގައި ވޯޓުލުން ނިމިފައިވާއިރު ކުރީގައި އުޅެނީ އިސްލާމިކް ނަހްޒާ ޕާޓީއާއި ޤަލްބު ތޫނިސް ޕާޓީކަމަށް ނުރަސްމީ ނަތީޖާތަކުން ދައްކައިފިއެވެ.

ނަމަވެސް ނަހްޒާ ޕާޓީއާއި ޤަލްބު ތޫނިސް ޕާޓީ އަށްބަލާއިރު މިދެޕާޓީންކުރެ ކޮންމެ ޕާޓީއަކުންވެސް ގެންދަނީ އާއްމު އިންތިޚާބު ކާމިޔާބުކުރީ އެޕާޓީ ކަމަށް ބުނެ އަޑުފަތުރަމުންނެވެ. ވޯޓުގެ ތިންބައިކުޅަ ދެބައި ގުނައި ނިމިފައިވާއިރު އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބޭނެކަމާއި ތޫނިސްގައި އެކުލަވާލެވެނީ ކޯލިޝަން ސަރުކާރެއްކަންވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ. ތޫނިސްގައި މި ބޭއްވީ 2011 ވަނަ އަހަރުގެ އަރަބި ރަބީޢާއެކު ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އެގައުމުގައި އެކުލަވާލި އައު ގާނޫނު އަސާސީގެ ދަށުން ބާއްވާ ދެވަނަ އިންތިޚާބެވެ.

ތޫނިސްގެ ޕާލަމެންޓްގެ 2017 ގޮނޑިއަށް 15 ހާސް ކެންޑިޑޭޓުން ވާދަކުރެއްވިނަމަވެސް މި އިންތިޚާބަށް ތޫނިސްގެ އާންމު ރައްޔިތުން ދީފައިވަނީ ފިނި ތަރުހީބެކެވެ. ވޯޓުލާން ނުކުމެފައިވަނީ ގާތްގަނޑަކަށް 45 އިންސައްތަ މީހުން ކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެއެވެ.

2011 ގެ އަރަބި ރަބީއާއެކު ތޫނިސްއަށް އައި ޑިމޮކްރަސީއަށްފަހު އެގައުމަށްވަނީ އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ތަކެތީގެ އަގުބޮޑުވެފައެވެ. އިންފްލޭޝަން ރޭޓް ހައެއް ޕޮއިންޓް އަށަކަށް އަރާއިރު ވަޒީފާނެތް މީހުންގެ ނިސްބަތްވެސް 25 އިންސައްތާގައި އުޅޭކަމަށް ރިޕޯޓްތައް ބުނެއެވެ. ތޫނިސްގެ ޕާލަމެންޓްރީ އިންތިޚާބުގައި އިސްލާމިކް ނަހްޒާ ޕާޓީ އާއި ގަލްބު ތޫނިސް ޕާޓީގެ އިތުރުން އިލްމާނީ ފިކުރުގެ ލިބަރަލް ޕާޓީތައް ހިމެނެއެވެ.

ތޫނިސްއަކީ 2011 ވަނަ އަހަރު އަރަބި ރަބީއުގެ ނަމުގައި އަރަބި ބައެއް ގައުމުތަކަށް އައި ރައްޔިތުންގެ އިންގިލާބީ އޮއިވަރާއި އުތުރިއެރުމުގެ ތެރެއިން ސުލްހަވެރިކަމާއެކު ޑިމޮކްރެޓިކް ނިޒާމަކަށް ވެރިކަން ބަދަލުވެގެންދިޔަ ހަމައެކަނި ގައުމެވެ. (އަލްޖަޒީރާ)