15 Nov 2011, 16:57
އައްޑޫ ސިޓީގެ އެއް މިސްކިތުގެ މައިކް ސިސްޓަމް ބަހައްޓާ ކަބަޑަށް ގެއްލުންދީ މައިކް ހަރުކުރާ ވާގަނޑާއި މައިކް ގުޅޭ ބަޔަށް ގެއްލުންދީ އަދި އަނެއް މިސްކިތުގެ މައިކް ވަގަށް ގެންގޮސްފި އެވެ.
މައިކް ސިސްޓަމް ބަހައްޓާ ކަބަޑަށް ދެ ރެއެއް ކުރިން ގެއްލުންދީ، މައިކްގެ ބުޑާއި ވާގަނޑު ގުޅޭ ބަޔަށް ގެއްލުންދީފައި ވަނީ، ފޭދޫ މީހަކު ބުނި ގޮތުގައި، ފޭދޫ މިސްކިތެއްގެ އެވެ. މައިކް ވަގަށް ގެންގޮސްފައި ވަނީ މަރަދޫ އަވަށުގެ މިސްކިތުގެ އެވެ.
މަރަދޫ މިސްކިތުގެ މައިކް ވަގަށް ގެންގޮސްފައިވާ ކަމަށް އައްޑޫ ސިޓީން ވެސް ކަށަވަރުކޮށްދިނެވެ. ނަމަވެސް ފޭދޫ މިސްކިތަށް ގެއްލުމެއް ދިން ކަމަކަށް ކައުންސިލަކުން އެއްބަހެއް ނުވެ އެވެ.
އައްޑޫ ސިޓީގެ ދެ މިސްކިތަކަށް ގެއްލުންދީފައި މި ވަނީ އައްޑޫ ސިޓީގައި ބެހެއްޓި މޮނިއުމަންޓްގައި އަޅުކަންކުރާ ޒާތުގެ ބުދު ހުރި މައްސަލައެއް ފެންމަތިވެ، އެ މައްސަލާގައި ރައްޔިތުންގެ ބަޔަކު ނުރުހުން ފާޅުކޮށް، ބުދު ހިމެނޭ ބިނަޔަށް ގެއްލުންތަކެއްދީފައި ވަނިކޮށެވެ.
ނަމަވެސް އައްޑޫ ސިޓީގެ ކައުންސިލަރު ހުސައިން ހިލްމީ މިއަދު ވިދާޅުވީ އިސްލާމުން އުޅޭ ތަނެއްގައި އެފަދަ ކަމެއް ހިނގައިފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ބޮޑަށް ބެލެވެނީ ވައްކަމެއްގެ ގޮތުގައި ކުރި ކަމެއް ކަމަށެވެ.
ފޭދޫން ވާހަކަ ދެއްކި މީހާ ބުނީ އެ ރަށު މިސްކިތުގެ ސައުންޑް ސިސްޓަމަށް ގެއްލުންދީފައި ވަނީ ވައްކަމަށް ވުރެ، ބޮޑަށް ގެއްލުމެއް ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
ނަމަވެސް އެ މައްސަލާގައި އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ.