ބައެއް އަމިއްލަ ކުންފުނިތަކުން ރާއްޖޭގެ އެކި ރަށްތަކުން ރުއްގަސް އުފުރައިގެން ގެންދާ މައްސަލައިގައި އެންވަޔަރެމެންޓް މިނިސްޓްރީ އަދި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ ސޭވް މޯލްޑިވްސް ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަޅުތައް ހިއްކައިގެން ހަދަމުންދާ ރިސޯޓުތައް ފެހި ކުރަން ރަށްރަށުން ރުއްގަސް ނަގައިގެން ގެންދިޔުމަކީ ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ މައްސަަލައެކެވެ. ރުއްގަސް ނަގާ ކުންފުނިތަކުން ބުނަނީ އެކަން ކުރަނީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ކަމަށެވެ. އަދި ނަގައިގެން ގެންދާ ރުއްގަހަކީ މަޝްރޫއުތަކަށް ބިން ސާފު ކުރާ އިރު އުފުރާލަން ޖެހޭ ރުއްގަސް ކަމަށް ވެސް ބުނެ އެވެ.

އެ ކަމާ ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީ އާއި އީޕީއޭ އިން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި މިނިސްޓްރީ އާއި އީޕީއޭގެ ފަރާތުން ދެއްކި ވާހަކަތަކަށް ފާޑުކިޔައި، ސޭވް މޯލްޑިވްސްއިން އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވެ.

ރުއްގަސްތައް އުފުރައިގެން ގެންދަނީ ކޮން ތަނަކަށްތޯ ބެލުމަށް އީޕީއޭއަށް ދަތިވާ ކަމަށް ބުނެފައިވާތީ ސޭވް މޯލްޑިވްސްއިން ބުނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި، އެ ތިމާވެށިން ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އާންމުދަނީ ލިބެމުންދާ ވަސީލަތައް ހިމާޔަތް ކުރުމަކީ ސަރުކާރުގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އަދި ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާ ލިބޭ އެފަަދަ ވަސީލަތެއް ވިޔަފާރީގެ ތެރެއިން ބަޔަކަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަށް ދައްކާނެ ބަހަނާއެއް ނޯންނާނެ ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.

"ތަރައްގީގެ ނަމުގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ދެމުންދާ އިއާދަ ނުކުރެވޭ ބޮޑެތި ގެއްލުންތަކަކީ ތަރައްގީގެ ބައެއްގެ ގޮތުގައި ސިފަކޮށް، އެކަމުގެ ސީރިއަސްކަން ހިންދާލާ ފަދަ ގޮތަކަށް ތިމާވެށި ހިމާޔަތް ކުރުމުގެ އިސް ދައުރާއި ގާނޫނީ ވާޖިބު އޮތް ވުޒާރާއާއި އީޕީއޭއިން ވާހަކަދެއްކުމަކީ ރާއްޖޭގެ ތިމާވެށީގެ މިހާރުގެ ހާލަތަށް ބަލާ އިރު ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމުގައި ދަންނަވަމެވެ." ސޭވް މޯލްޑިވްސްގެ ބަޔާނުގައިވެ އެވެ.

ރުއްތަކެއް ރަށަކުން ބޭރުކުރަނީ -- ފޮޓޯ: މީސް މީޑިއާ

ރާއްޖޭގެ ފަޅުތައް ހިއްކާތާ 100 ވަރަކަށް އަހަރު ވެއްޖެ ކަމަށް ޑރ. އަލީ ނަސީރު ވިދާޅުވުމަކީ ފަޅު ހިއްކުމަކީ މާބޮޑު ކަމެއް ނޫން ކަމަށް އާންމުންނަށް ވިސްނައިދިނުން ކަމަށް ވެސް އެޖަމްއިއްުޔާއިން ބުންޏެވެ. އަދި އެއީ އަމިއްލަ ބޭނުމުގައި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ދިނުން ނޫން އެހެން ކަމެއްގެ ގޮތުގައި ސިފަ ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ. ރާއްޖޭގައި މިހާތަނަށް އެކި މަޝްރޫއުތަކުގައި 600 ކިލޯމީޓަރުގެ ސަރަހައްދަށް ވުރެ ބޮޑު ސަަރަހެއްގެ ކަނޑުފަޅު ހިއްކާފައިވާކަން ފާހަގަ ކުރަމުން އެ ޖަމްއިއްޔާއިން ބުނީ، އެއީ ބޮޑު ޖަރީމާއެއް ކަމަށެވެ.

އުފުރާ ކޮންމެ ރުކަކަށް ދެ ރުއް ޖަހަން ޖެހޭކަން ރުއްގަސް ނެގުމުގެ ގަވައިދުގައި އޮންނަކަން އިއްޔެގެ ޕްރެސް ކޮންފަރެންސުގައި ފާހަގަކޮށްފައިވެ އެވެ. އަދި މިހާތަނަށް ތިން ރަށެއްގައި ނެގި ރުއްތަކުގެ ބަދަލުގައި ދެ ރުއް އިންދާފައިވާކަން ފާހަގަކޮށްފައިފައިވެ އެވެ. ނަގާ ރުއްގަހުގެ ބަދަލުގައި ގަވައިދާ އެއްގޮތަށް ރުއް އިންދާ މިންވަރު އެނގޭނެ ތަފާސް ހިސާބުތަކެއް ނެތްކަން ސޭވް މޯލްޑިވްސްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި މިހާތަނަށް އެންމެ ތިން ރަށުން ގަވައިދާ އެއް ގޮތަށް ރުއް އިންދާފައި ވުމަކީ ކަންބޮޑުވާކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

"މިއަދު އުފުރައިގެން ރިސޯޓު ފެހި ކުރަން ގެންދާ ރުކުގެ ބަދަލުގައި މާދަމާ އިންދާ މުޑިކާށިން މަންފާ ހޯދުމަށް މި އާއިލާތަކަށް ތިބެވޭނެތޯއެވެ؟" ސޭވް މޯލްޑިވްސްގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ރުއްގަސް ނެގުމުގެ ގަވައިދަށް އިސްލާހުކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރިއަށްދާތާ އެތައް މަހެއް ފާއިތުވެފައިވާކަން ސޭވް މޯލްޑިވްސްއިން ފާހަގަ ކުރި އެވެ. އަދި އެ ގަވައިދު އިސްލާހު ކުރުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އީޕީއޭ މިނިވަން ކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސޭވް މޯލްޑިވްސް އާއި ތިމާވެއްޓަށް ލޯބި ކުރާ އިތުރު ބަޔަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކޮށް، ހުށަހަޅާފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ. އަދިވެސް އެކަން ކޮށްފައި ނުވާތީ ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ބުނާ ފަދައިން ރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތް ނުކުރެވޭ ކަމަށް ގަބޫލު ކުރާ ކަމަށް ބަޔާނުގައިވެ އެވެ.

ރުއްގަސް ނެގުމުގެ މައްސަލައާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ހުއްދަ ނަގައިގެން އެކަން ކުރުމަކީ މައްސަލައެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.