ޖަނަވާރަށާއި، ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބަލިތަކަށް ފާރަވެރިވެ ދެނެގަތުމަށް ފިޝަރީޒް މިނިސްޓްރީއާއި މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ގުޅިގެން އެނިމަލް ޕެސްޓް އެންޑް ޑިޒީޒް ސާވޭލެންސް ޕްރޮގުރާމެއް ރ. އަތޮޅުގެ ބައެއް ރަށްރަށުގައި ފަށައިފި އެވެ.

އިއްޔެ ފެށި އެ ޕްރޮގްރާމް މިހާރު ކުރިއަށް ދަނީ ރ. އުނގޫފާރު، ހުޅުދުއްފާރު، މާކުރަތު، ދުވާފަރުގަ އެވެ. އެ ރަށްތަކުގައި މިހާރު ވެސް ދަނީ ބަކަރި އާއި ކޯލި ދޫނީގެ ބާވަތްތައް ގެންގުޅެ، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގައި ވިއްސާ އާލާ ކުރަމުންނެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގުރާމުގެ ދަށުން ކޯލި ދޫންޏަށާއި ބަކަރިއަށް އާންމުކޮށް ޖެހޭ ބަލިތަކާއި އެބަލިތައް ދެނެގަންނާނެ އަލާމާތްތައް ކިޔައިދިނުމުގެ އިތުރުން، އެފާމްތައް ބަލައި ފާސްކުރާގޮތަށް ވަނީ ނިންމައިފަ އެވެ.

އެގޮތުން އެފާމްތަކުގައި ގެންގުޅޭ ބަކަރިން ލޭގެ ސެމްޕަލް ނެގުމަށް ފަހު، ބަކަރިއަށް ޖެހޭ ބައްޔެއްކަމަށްވާ ފުޓް އެންޑް މައުތް ޑިޒީސް (އެފްއެމްޑީ) އަށް ވަގުތުން ޓެސްޓުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ފާމްތަކުގެ ހަޔަވީ ރައްކާތެރިކަމުގެ (ބަޔޯސެކިއުރިޓީ) ޙާލަތު ބަލައި ރަނގަޅުކުރަންވީ ކަންތައްތަކާ ބެހޭ ގޮތުން ލަފާދިނުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އަދި ޖަނަވާރުތަކުގެ ސިއްޙީ ޙާލަތު ބަލައި، ބަލި ޖަނަވާރުތަކަށް ފަރުވާދެވޭނެ އެވެ. މީގެއިތުރުން މިޕްރޮގުރާމުގެ ތެރޭގައި ހަތަރުރަށުގައި ގެންގުޅޭ ޖަނަވާރުގެ ތަފާސްހިސާބު ނަގާނެ އެވެ. މިޕްރޮގުރާމަކީ ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގެ ތެރެއިން ވަކި ރަށްތަކެއް ކަނޑައަޅައިގެން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދެވޭ ޕްރޮގުރާމެކެވެ.